ވޭތުވެ ދިޔަ ހަތަރު ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ މަގުމަތީގެ އެކްސިޑެންޓްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގީ 1429 ވަނަ އަހަރުގެ ރޯދަ މަހު އެވެ. އެ އަހަރު 49 އެކްސިޑެންޓް ހިނގި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ކުރީގެ ރޯދަމަސް، 1428 ވަނަ އަހަރު ރޯދަމަހުގެ ފުރަތަމަ ހަފުތާގައި 47 އެކްސިޑެންޓް ހިނގި އެވެ. އެ ދެ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ހަފުތާގެ ހަތް ދުވަހަށް 6.85 އެކްސިޑެންޓް ހިނގި އެވެ.

މިދިއަ ރޯދަ މަހުގެ ކުރީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި 28 އެކްސިޑެންޓް ހިނގާފައިވާއިރު މިދިއަ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ހިނގީ 20 އެކްސިޑެންޓެވެ.

ވޭތުވެދިޔަ ހަތަރު ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ އެކްސިޑެންޓްތަކަށް ބަލާއިރު 1428 ވަނަ އަހަރުގެ ފުރަތަމަ ހަފުތާގައި ހަތަރު ފުރޮޅުލީ އުޅަނދާއި ސައިކަލްގެ 28 އެކްސިޑެންޓް ހިންގި އެވެ. ސައިކަލާ ސައިކަލް ޖެހިގެން 12 އެކްސިޑެންޓް ހިނގި އެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އެކްސިޑެންޓްތަކުގެ ހަތް އެކްސިޑެންޓް ހިނގި އެވެ. ޖެހިގެން އައި 1429 ވަނަ އަހަރުގެ ރޯދަ މަހުގައި ސައިކަލާ ހަތަރު ފުރޮޅުލީ އުޅަނދުތައް ޖެހި، 24 އެކްސިޑެންޓް ހިނގި އެވެ. ދެ ސައިކަލް ޖެހިގެން 10 އެކްސިޑެންޓް ހިނގި އެވެ. ހަތަރު ފުރޮޅުލީ އުޅަނދުތައް ޖެހިގެން 15 އެކްސިޑެންޓް ހިނގި އެވެ.

ސާދަސަތޭކަ ތިރީސް ވަނަ އަހަރުގެ ރޯދަ މަހު ސައިކަލާ ހަތަރު ފުރޮޅުލީ އުޅަނދުތައް ޖެހިގެން 13 އެކްސިޑެންޓް ހިނގި އިރު ދެ ސައިކަލް ޖެހިގެން ހަތް އެކްސިޑެންޓް ހަތަރު ފުރޮޅުކީ އުޅަނދުތައް ޖެހިގެން ވެސް އަށް އެކްސިޑެންޓް ހިނގި ކަމަށް ފުލުސް ހިސާބުތައް ބުނެ އެވެ.

މިދިއަ ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށް ދާއިރު ޖުމްލަ ހިނގާފައި ވަނީ 20 އެކްސިޑެންޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޖެހިގެން ހިނގި 15 އެކްސިޑެންޓާއި ސައިކަލާއި ސައިކަލް ޖެހިގެން ހިނގި ތިން އެކްސިޑެންޓަކާއި ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ފަސް އެކްސިޑެންޓަކާއި އިތުރު އެކްސިޑެންޓެކެވެ.

ވޭތުވެ ދިޔަ ހަތަރު ރޯދަ މަހުގެ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަމަހުގެ ފުރަތަމަ ހަފުތާގެ އެކްސިޑެންޓްތައް އަހަރުން އަހަރަށް އައިސް ފައި ވަނީ ސްކޭލް ދަށް ވަމުން އެކްސިޑެންޓްތައް ކޮންޓްރޯލް ވަމުން ކަމަށް ފެނެ އެވެ.