އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ޓީމާ ހަވާލުވެގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ފުރަތަމަ ބުރަށް ފަހު ތިނަދޫގެ ސްޕެއިން ކޯޗު ވަކި ކުރުމަށް ފަހު، އެ މަގާމަށް ހަމަޖެއްސީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު ސުޒޭނެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ތިނަދޫ ބަލިވެފައި ވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ކުރިން އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ސްޕެއިން ކޯޗު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ހުރިކަން ފާހަގަކޮށްލެވޭ ކަމަށެވެ.

"ތިނަދޫ ޓީމާ ހަވާލުވެގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލު ކުރެވެނީ. އެމީހުންގެ ކުރީގެ ކޯޗު ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ހުރި ކަން އެނގޭ. ކޯޗު ބަދަލުވެގެން ދިޔައީ ފުޓްބޯޅައާ ގުޅުންހުރި ކަންތަކެއްގެ ތެރެއިންނެއް ނޫން ކަމަށް ގަބޫލު ކުރެވެނީ. ނަމަވެސް އޭނާގެ މަސައްކަތާއި އޭގެ ތެރެއަށް އަޅުގަނޑުގެ ވިސްނުމާއި އެއްޗެހި ލައިގެން ރަނގަޅަށް ޓީމު ތައްޔާރުވެވިފައި މިހާރު މިއޮތީ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، މިނިވަން ޗެމްޕިއަންޝިޕްގެ ކާމިޔާބީއަށް ފަހު ދ. ކުޑަހުވަދުއާ އެކު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އަށް ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވަނީ ލީގު ފެށުމުގެ ކުރިން އިތުރު ކުޅުންތެރިން ނުހޯދުމުން ކަމަށާއި އެހެންނޫންނަމަ ލީގުގައި މޯހަންއަށް ރަނގަޅު ނަތީޖާތަކެއް ހޯދުނީސް ކަމަށެވެ.

"އަޅުގަނޑު ފުރަތަމަ ބުނާނެ އެއްޗަކީ މޯހަން ކުޑަހުވަދުއާ އެކު ފަހުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނޭ، ކުޅުންތެރިން އިތުރު ނުކުރަން. އެހެންނޫން ނަމަ މި މުބާރާތުގައި އޭނާ ބައިވަރު ރަނގަޅު ނަތީޖާތަކެއް ނެރުނީސް. އެހެން ނަމަވެސް ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއްކަން ބަލައިގެން އޭނާ ވެސް އެންމެ ފަހު މެޗުގައި ވަރަށް ރަނގަޅު ފައިޓެއް ދީފައި ވަނީ،" ތިނަދޫގެ ކޯޗު ބުންޏެވެ.

ތިނަދޫގެ ބައެއް ކުޅުންތެރިން ފަރިތަކުރުންތައް ނުކުންނަމުން ނުދާ ކަން ފާހަގަކޮށް، ކުރިން އެ ޓީމާ ހަވާލުވެހުރި ކޯޗު ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން ސުޒޭން ބުނީ، ކުޅުންތެރިން ފަރިތަކުރުންތަކަށް ނުނުތުމަކީ މެނޭޖްމަންޓްގެ ނުވަތަ ކޯޗުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ކުޅުންތެރިންގެ މައްސަލައެއް ކަމަށެވެ. އަދި ތިނަދޫގެ މެނޭޖްމަންޓްގެ އެހީތެރިކަމާ އެކު މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދިވެހި ރާއްޖޭގައި ކުޅުންތެރިން މިހާރު ވެސް މަގު އޮޅިގެން ބައެއް ފަހަރު ބައެއް ހާލަތްތަކުގައި އެމީހުންގެ އަމިއްލަ ކަންތައްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު ފާހަގަކުރަން. އަނެއް ކުޅުންތެރިންނަކީ ވަރަށް ޒިންމާދާރު، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ކުޅުންތެރިން. އެހެންވީމާ އަޅުގަނޑު ކުޅުންތެރިން، ވަކި ތިނަދޫ ޓީމުގައި ތިބި ކުޅުންތެރިންނެއް ނޫން، ހުރިހާ ކުޅުންތެރިންނަށް ވެސް ބުނެލަން އޮތީ ކޮންމެ ކޯޗެއް ހުއްޓަސް ވަކި ކަމަކަށް ޓާގެޓް ކޮށްގެން ޓްރޭނިންތަކުގައި ބަރާބަރަށް ބައިވެރިވެގެން އެ ކުއްޖެއްގެ މެކްސިމަމް ދޭން އެ ކުއްޖަކު ތައްޔާރުވާށޭ،" އޭނާ ބުންޏެވެ.

މިއަދު ހަވީރު ކުޅޭ މެޗަށް ނުކުންނަ އިރު، ތިނަދޫ އޮތީ ކުޅުނު އަށް މެޗުން ލިބުނު ދިހަ ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ. ނިއު ރޭޑިއަންޓާ ދެކޮޅަށް ރޭ ކުޅުނު މެޗުން ކްލަބު ގްރީން ސްޓްރީޓްސް ބަލިވުމާ ގުޅިގެން، ކުޑަހުވަދޫ މެޗުން މޮޅެއް ހޯދައިގެން ތިނަދުއަށް ހަތަރު ވަނައަށް އެރޭނެ އެވެ. ގްރީނަށް ނުވަ މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. ތިނަދުއާ ދެކޮޅަށް މިއަދު ނުކުންނަ ކުޑަހުވަދޫ އޮތީ ކުޅުނު އަށް މެޗުން ލިބުނު އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.