ފިލްމީ ދާއިރާގައި ހޭދަ ކުރި 23 އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި މިއަދު ހުރި ހިސާބަށް އާދެވުނީ ބޮޑެތި ގޮންޖެހުންތައް ގިރާކުރުމަށް ފަހު ކަމަށް ދިވެހި ފިލްމީތަރި ނިއުމާ މުހައްމަދު ބުނެފި އެވެ.

ނިއުމާގެ "ސެލެބްރޭޓިން 20" އަލްބަލް ރިލީޒްކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ހަފްލާގައި ވާހަކަ ދައްކަމުން ނިއުމާ ބުނީ، ފިލްމީ ދާއިރާގައި 23 އަހަރު ހޭދަކުރި އިރު އެއީ ދަތި އުނދަގޫތަކާ އެކު ހޭދަކުރި އަހަރުތަކެއް ކަމަށެވެ. އެ ދުވަސްތަކުގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވި ކަމަށާއި ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުުން ލިބުނު ތަރުހީބު ކަމަށް ނިއުމާ ބުންޏެވެ. ނިއުމާ ބުނީ، ބެލުންތެރިންގެ ފަރާތުން ލިބުނު ބިނާ ކުރުވަނިވި ފާޑުކިޔުންތަކަކީ ވެސް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ނިއުމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފިލްމީ ދާއިރާގައި 23 އަހަރު ވީ އިރު އެ އަހަރުތަކަކީ ފަސޭހަ އަހަރުތަކެއް ނޫން ކަން އޭނާ ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ ހަފްލާގައި ނިއުމާ ވަނީ ފާއިތުވި އަހަރުތަކުގައި ނިއުމާއަށް ހިތްވަރުދީ އެކުގައި މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން ނިއުމާ، ނިއުމާގެ ގޮތުގައި ބެލުންތެރިންނަށް ފެނުނީ ފިލްމު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ސަބަބުންކަން ފާހަގަކޮށް ނިއުމާ ވަނީ އޭނާ މަސައްކަތް ކުރި ކޮންމެ ފިލްމެއްގެ، ޑްރާމާއެއްގެ އަދި ލަވައެއްގެ ޕްރޮޑިއުސަރުންނަށާއި ޑައިރެކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އޭގެ އިތުރުން އެކުގައި މަސައްކަތް ކުރި ހުރިހާ ކޯ ސްޓާރުންނަށް ވެސް ނިއުމާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"އަޅުގަނޑާ އެކު ކިތަންމެ ކުޑަ ރޯލެއްގައި މަސައްކަތްކުރި ފަރާތްތަކަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ޝުކުރުގެ ލިސްޓުުގައި ނިއުމާ ވަނީ އޭނާ އާ އެކު މަސައްކަތްކުރި ހުރިހާ މޭކަޕް އާޓިސްޓުންނާއި ކޮސްޓިއުމް ޑިޒައިނަރުން އަދި ކްރޫތަކުގެ ނަން ވެސް ފާހަގަކޮށްފަ އެވެ.

ނިއުމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފިލްމީ ދާއިރާގައި 23 އަހަރު ވީއިރު އެ އަހަރުތަކަކީ ފަސޭހަ އަހަރުތަކެއް ނޫން ކަން އޭނާ ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމީ ދާއިރާއަށް 1994 ވަނަ އަހަރު ނުކުތް ކުޅަދާނަ ބަތަލާ ބުނީ، 23 އަހަރު އެ ދާއިރާގައި މަސައްކަތް ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން ކަމަށެވެ. ނިއުމާގެ ސަޕޯޓަރުންނަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާ ކޮށްފަ އެވެ.

ނިއުމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފިލްމީ ދާއިރާގައި 23 އަހަރު ވީއިރު އެ އަހަރުތަކަކީ ފަސޭހަ އަހަރުތަކެއް ނޫން ކަން އޭނާ ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުމާގެ 40 ވަނަ އުފަން ދުވަހާ ދިމާކޮށް ސެލެބްރޭޓިން 20 އަލްބަމް ނެރުނު އިރު ރޭ ވަނީ އަލްބަމާ އެކު ތިން ސަޕްރައިޒެއް ވެސް ދީފަ އެވެ. އެއް ހަބަރަކީ ނިއުމާގެ ހަޔާތުގެ މައްޗަށް ފޮތެއް ނެރެން އުޅޭ ވާހަކަ އެވެ. އަންނަ އަހަރުގެ އޮކްޓޯބަރު މަހު ނެރޭ މި ފޮތަކީ އަހުމަދު ޒަރީރު ލިޔާ ފޮތެކެވެ. ނަމަކީ މައި ސްޓޯރީ އެވެ. ފިލްމީ ދާއިރާ އާއި ޒާތީ ދިރިއުޅުމުގައި ދިމާވި ކަންތައްތައް ހިމަނައިގެން ނެރޭ އެ ފޮތުގައި އިބުރަތްތެރި ވާހަކަތައް ހުންނާނެ ކަމަށް ނިއުމާ ބުންޏެވެ.

ރޭ ދިން އަނެއް ސަޕްރައިޒަކީ ނިއުމާގެ ފިލްމެއް ސްކްރީނަށް އަންނަން އުޅޭކަމުގެ އުފާވެރި ހަބަރެވެ. "ނިވައިރޯޅި" ކިޔާ އެ ފިލްމަކީ މޫމިން ފުއާދުގެ ފިލްމެކެވެ. އެ ފިލްމު ވެސް އަންނަ އަހަރުގެ އޮކްޓޯބަރުގައި ނެރޭނެ ކަމަށް ނިއުމާ ބުންޏެވެ.

ނިއުމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފިލްމީ ދާއިރާގައި 23 އަހަރު ވީއިރު އެ އަހަރުތަކަކީ ފަސޭހަ އަހަރުތަކެއް ނޫން ކަން އޭނާ ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެން އޮތީ ތިންވަނަ ސަޕްރައިޒެވެ. ނިއުމާގެ ފޭނުންނަށް ހިތާމަވެރި ހަބަރެކެވެ. ރޭ ނިއުމާ ވަނީ ފިލްމީ ދާއިރާ އިން ރިޓަޔާވާކަން އިއުލާނު ކޮށްފަ އެވެ. ނިވައިރޯޅި އަށް ފަހު ފިލްމީ ދާއިރާއަށް އަލްވަދާއު ކިޔާނެ ކަމަށް ފާއިތުވި އަހަރުތަކުގައި ދިވެހި ފިލްމީ ދާއިރާ ޑޮމިނޭޓްކުރި ކުޅަދާނަ ބަތަލާ ބުންޏެވެ.