21 Oct 2017, 00:00
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމެއް އަންނަ އަހަރު ފެންނާނެކަން އިއުލާނުކޮށް ފިލްމީ ދާއިރާއިން ރަސްމީކޮށް ރިޓަޔާ ވެއްޖެއެވެ.
ފިލްމީ ދާއިރާގައި ނިއުމާ ހޭދަކުރި 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20" ގެ ނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ހަފްލާގައި މި ފިލްމުގެ ފަސްޓްލުކް ލޯންޗްކޮށްދިނީ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާއެވެ.
ނިއުމާގެ ފިލްމު ލޯންޗު ކުރުން. މި ފިލްމު އަންނަ އަހަރު ފެންނާނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރުގައި މިދާއިރާއަށްވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. މި ފިލްމާއެކު މިރޭ އަޅުގަނޑު ފިލްމީ ދާއިރާއިން ރަސްމީކޮށް މި ރިޓަޔާ ކުރީ،" މިރޭގެ ހަފްލާގައި ނިއުމާ ބުންޏެވެ.
މި ފިލްމާ ބެހޭ އެއްވެސް ތަފްސީލެއް ހާމަނުކުރި ނަމަވެސް އަންނަ އަހަރު އޮކްޓޯބަރުގައި ފިލްމު ފެންނާނެ ކަމަށް ނިއުމާ ބުންޏެވެ. ފިލްމަކީ މޫމިން ފުއާދުގެ ފިލްމެކެވެ. މިރޭގެ ހާއްސަ ހަފްލާގައި ނިއުމާގެ ތިން ސަޕްރައިޒެއް ފޭނުންނަށް ދޫކޮށްލިއިރު މިއީ ނިއުމާގެ ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ހަބަރެކެވެ.
ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ވަނަ އަހަރުއެވެ. ފާއިތުވި 20 އަހަރު ދާއިރާގައި ކުރިއަށް ދިއުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށް ނިއުމާ ބުންޏެވެ.