އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުގެ ޞަފުޙާތަކުން، އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ބައިވެރިވެވަޑައިގެންނެވި ހަނގުރާމައެއް ފާހަގަކުރެވިފައި ވެއެވެ. އެ ހަނގުރާމައިގެ ނަމަކީ ޣަޒުވާ ޒާތިއްރިޤާޢެވެ. އެ ހަނގުރާމަ ހިނގައިފައި ވަނީ ހިޖުރައިން ހަތަރުވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގައެވެ. އެ ހަނގުރާމައާ ބެހޭ ޙާދިޘާތަކުގެ ތެރެއިން އެއް ޙާދިޘާއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ އެ ހަނގުރާމައިގެ ދަތުރުފުޅުގައި އެއް ދުވަހަކު އަރާމުކޮށްލައްވަން ގިއުޅިލާށި ގަހެއްގެ ހިޔަލުގައި އޮށޯވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅު އެ ގަހުގެ ގޮތްޕެއްގައި އެލުވައިލެއްވުމަށް ފަހުގައެވެ. އިތުރު ސާހިބާ އޭރު އޮންނެވީ ގިނިކަންޏާއެވެ. އިތުރު ސާހިބާގެ މިތުރު ޞަޙާބީން ތަންކޮޅެއް ދުރުގައި އުޅުއްވަމުން ގެންދެވިއެވެ. އެ ބޭކަލުން ތިއްބެވީ އެކިއެކި މަސައްކަތްޕުޅުތަކުގައި މަޝްޣޫލުވެވަޑައިގެންނެވެ. އިތުރު ސާހިބާއަށް ނުރައްކަލެއް ކުރިމަތިވެވަޑައިގެންފާނެ ކަމަކަށް އެ ބޭކަލުންނަކަށް އެ ވަގުތަކު ވިސްނާވަޑައެއްނުގެންނެވުނެވެ. އިތުރު ސާހިބާ އަވަހާރަފުޅަށް އޮންނަވަނިކޮށް، މުޝްރިކުންގެ މީހެއް ކަމުގައިވާ ޣައުރަޘު ބުނުލް ޙާރިޘަށް އެ މަންޒަރު ފެނުނެވެ. އޭނާ އަވަސް އަވަހަށް އޭނާގެ އެކުވެރީންގެ ގާތަށް ހިނގައްޖެއެވެ. އޭނާ ފަތަޙަލިބިފައިވާ ރާގެއްގައި އޭނާގެ އެކުވެރީން ގާތު ބުންޏެވެ. "އަހަރެން ތިޔަބައިމީހުންނަށް ޓަކައި މުޙައްމަދުގެފާނު ޤަތުލުކޮށްލަދެން ހެއްޔެވެ؟" އެބައިމީހުން ޖަވާބުދިނެވެ. "އާނއެކެވެ! ތިޔަ ކަން ނުކުރާން ވީ ކީއްވެގެން ހެއްޔެވެ؟"

ޣައުރަޡު އިތުރު ސާހިބާ އަވަހާރަފުޅަށް އޮންނެވި ތަނަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ވަރަށް މަޑުމަޑުންނެވެ. ފިލަފިލައިގެންނެވެ. އިތުރު ސާހިބާއަށް ވެސް އެކަލޭގެފާނުގެ މިތުރު ޞަޙާބީއަކަށް ވެސް އޭނާގެ ހިިލަމެއް ބިލަމެއް ވިޔަނުދިނުމަށް ޓަކައެވެ. އޭނާ ގިއުޅިލާށި ގަހުގައި އެލުވައިފައި އޮތް ކަނޑިކޮޅު ނެގިއެވެ. ކަނޑިކޮޅު އުރަކޮޅުން ދަމައިގަނެގެން ގޮސް އިތުރު ސާހިބާގެ އަރިހަށް ހުއްޓިއްޖެއެވެ. އޭނާ ކައުސާހިބާއާ މުޚާޠަބުކޮށް ދެންނެވިއެވެ. "އޭ މުޙައްމަދެވެ! މި ވަގުތު އަޅުގަނޑުގެ ކިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކު ހެއްޔެވެ؟" އިތުރު ސާހިބާ އޭނާގެ އަޑު އިވިވަޑައިގެން ހޭފުޅުލައްވައި ފުރިހަމަ އިޢުތިމާދާއި ޔަޤީންކަމުން ފުރިގެންވާ އަޑުފުޅަކުން ޖަވާބުދެއްވިއެވެ. "ﷲ އެވެ!" އެ ބަސްފުޅުގެ އަޑު އިވޭ އިރަށް ޣައުރަޘު ބިރުން ރޫރޫއަޅައިގަތެވެ. އޭނާގެ އަތުން ކަނޑިކޮޅު ދޫވެގެން ވެއްޓިއްޖެއެވެ. އިތުރު ސާހިބާ ތެދުވެވަޑައިގެން ކަނޑިކޮޅު ނަންގަވައިފިއެވެ. އިތުރު ސާހިބާ ޣައުރަޘާ ސުވާލުކުރެއްވިއެވެ. "އަހުރެންގެ ކިބައިން މި ވަގުތު ކަލޭގެ ސަލާމަތްކުރާނީ ކާކު ހެއްޔެވެ؟" ޣައުރަޘު ޖަވާބުއެރުވިއެވެ. "ކަލޭގެފާނު ކަނޑި ހިއްޕަވައިގެން ހުންނެވި އޯގާވެރި ބޭކަލަކަށް ވެވަޑައިގަންނަވާށެވެ."

އިތުރު ސާހިބާ އޭނާ ދޫކޮށްލެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "ދާށެވެ! އަހުރެން ކަލެޔަށް މަޢާފުކޮށްފީމެވެ."

ޣައުރަޘު އެނބުރި ދިޔައީ އޭނާގެ ޤަބީލާގެ މީހުންގެ ގާތަށެވެ. އޭނާ އިތުރު ސާހިބާ އަވަހާރަފުޅަށް އޮންނެވި ތަނަށް ދިޔައީ އިތުރު ސާހިބާ ޝަހީދުކޮށްލާނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެނބުރި އޭނާގެ ޤަބީލާގެ މީހުންގެ ގާތަށް ގޮސް ބުންޏެވެ. "އަހަރެން މި އައީ އެންމެހައި އިންސާނުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ސާހިބާގެ އަރިހުންނެވެ." – )ސީރަތު އިބްނު ކަޘީރު: 3/164(

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ކުރިފުޅުމަތީގައި ދެ ގޮތެއް އޮތެވެ. އެއް ގޮތަކީ އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތެވެ. ދެވަނަ ގޮތަކީ ޣައުރަޘު ކުރި ކުށުގެ މައްޗަށް އޭނާ ޤަތުލުކޮށްލެއްވުމެވެ. އިތުރު ސާހިބާ އޭނާ ޤަތުލުކުރައްވައި އެ ޚަބަރު އެ ޤަބީލާގެ މީހުންނަށް ލިބުނު ނަމަ އެބައިމީހުންގެ ހިތްތަކުގައި ކުރީއްސުރެ އުފެދިފައި އޮތް ދެކޮޅުވެރިކަމުގެ ޖަޒުބާތުގެ އިތުރަށް ބަދަލުހިފުމުގެ ޖޯޝުވެސް އުފެދުނީހެވެ.

ނަމަވެސް އިތުރު ސާހިބާ ޢަމަލުކުރެއްވި ގޮތުން އެބައިމީހުންނާ ހަމަޔަށް ފޯރީ މުޅީން ތަފާތު ޚަބަރެކެވެ. "މުޙައްމަދުގެފާނަކީ ވަރަށް މާތް ބޭކަލެކެވެ. އިންތިހާ ދަރަޖައިގެ ޚުލުޤުފުޅު ހެޔޮ ބޭކަލެކެވެ. ކުށްވެރިއެއްގެ މައްޗަށް ބާރު ހިންގެވުމުން ވެސް އެކަލޭގެފާނު އޭނާއަށް މަޢާފުދެއްވައިފިއެވެ."

މި ޚަބަރާ ވިދިގެން އެ ޤަބީލާގެ މީހުންގެ ހެޔޮކަމުގެ ޒަމީރު މޯޅިޔަށް ދެމިލައިފިއެވެ. އެބައިމީހުން އިޙްސާންތެރިކަމަށް ޝުކުރު އަދާކުރަން މަޖުބޫރުވެއްޖެއެވެ. ޣައުރަޘު ބުނުލް ޙާރިޘު އިސްލާމްވެއްޖެއެވެ. އޭނާއާއެކު އޭނާގެ ޤަބީލާގެ އެންމެން އިސްލާމް ވެއްޖެއެވެ.

ޝައްކެއް ނެތެވެ. އިތުރު ސާހިބާ ދެވަނަ ގޮތް ޚިޔާރުކުރެއްވި ނަމަ އެ ޤަބީލާގައި އެނބުރިގަތީހީ ބަދަލުހިފުމުގެ ޠޫފާނީ ރޯޅިތަކެވެ. ނަމަވެސް އިތުރު ސާހިބާ ޢަމަލުކުރެއްވި ގޮތްކޮޅުން ޤަބީލާގެ ވެށީގައި ޢާއްމުވެގެން ދިޔައީ ރަޙުމަތުގެ ނަބިއްޔާ ގެންނެވި ހެޔޮކަމުގެ ދީނުގެ ރީތި، ހިތްގައިމު މަޑު ވައިރޯޅިއެވެ.