ކިޔަމާ ކިޔަމާގެ ނަމުގައި ދިވެހި ލިޔުންތެރިޔާ އަދި ކަލާފާނު ސްކޫލުގެ ދިވެހި މުދައްރިސް އާއިޝަތު ނަސީމާ ލިޔުއްވާފައިވާ ފޮތްސެޓް ލޯންޗް ކޮށްފިއެވެ.

ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީއެވެ.

"ކިޔަމާ ކިޔަމާ" ފޮތާ ގުޅޭގޮތުންސަންއަށް މައުލޫމާތު ދެއްވަމުން ނަސީމާ މިއަދު ވިދާޅުވީ، މިއީ ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއީ ދިވެހި ކުދިންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމަށް އެހީއެއްގެ ގޮތުން ނެރުނު ފޮތެއް ކަމަށެވެ.

އެ ފޮތަކީ 2002 ވަނަ އަހަރު ސަރުކާރުން ބޭއްވި ކުޑަކުދިންގެ ފޮތް ލިޔުމުގެ މުބާރާތަށް ނަސީމާ ހުށަހެޅުއްވި ފޮތް ކަމަށާއި އެ ފޮތަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަޚުރުވެރި ވަނަތައް ލިބިފައިވާ ކަމަށް ނަސީމާ ވިދާޅުވިއެވެ.

"މި ފޮތުގެ ވާހަކަތައް ތަރުޖަމާކޮށް 2003 ވަނަ އަހަރު އިންޑިއާގައި ސާކުގެ ގައުމުތަކުގެ މެދުގައި ބޭއްވި މުބާރާތަކަށް ހުށަހެޅިން، އެ މުުބާރާތުން މި ފޮތަށް ތިން ވަނަ ލިބުން،" އޭނާ ވިދާޅުވިއެވެ.

ދެހާސް ދެ ވަނަ އަހަރު ލިޔުއްވި ކިޔަމާ ކިޔަމާ ފޮތުގައި ތާނަ އަކުރުގެ ކޮންމެ އަކުރަކަށް ނަސީމާ ވަނީ ވާހަކައެއް ލިޔުއްވައިފައެވެ. ރޭ ލޯންޗު ކުރި ފޮތުގައި ވާހަކަތައް ހިމަނާފައި ވަނީ ބަދަލުތަކަކާއެކު ކިޔުމުގެ ދޭހަތަކެއްގެ ސިފައިގައި ކަމަށް ނަސީމާ ވިދާޅުވިއެވެ. އެ ފޮތުގައި ކާޑު ސެޓެއް ވެސް ހިމެނޭނެ ކަމަށާއި އެ 60 ކާޑު ސެޓަކީ ވެސް ދިވެހި ބަހާ ގުޅޭ ކާޑުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިބަސް ކިޔަވައި ދެއްވުމުގައި 27 އަހަރު ހޭދަ ކުރައްވާފައިވާ ނަސިމާ ވިދާޅުވީ، އެ ފޮތާއެކު ހާއްސަ އެޕެއް ވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ލޯންޗް ކުރާނެ ކަމަށެވެ. އެގޮތުން ކިޔަމާ ކިޔަމާ ފޮތުގައި ހުރި ވާހަކަތައް ކުދިން ކިޔާފައި ހުންނަ އަޑު، އެޕް މެދުވެރިކޮށް އަޑުއެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެޕް ފަރުމާކޮށްފައި ވަނީ ނަސީމާގެ ދަރިފުޅެވެ.

ނަސީމާ އަކީ ލިޔުންތެރިކަމުގެ ދާއިރާއިން 2007 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލް ކުރެއްވި ބޭފުޅެކެވެ.