ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ތުހުމަތުތައްކޮށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީއޭގެ ނައިބް ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި 'ތައްޔާރު' ޖަލްސަގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވަނީ ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައި ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ދަނީ ގާނުނު ތަންފީޒު ކުރުމުގެ މަސަތްކަތް ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އެހެން ކަމުން މިއަދުގެ ސަރުކާރުގެ ބޮލިގައި ޖުޑިޝަރީއާ މަޖިލީހާ ގުޅުވައިގެން ދައްކަވަމުން ގެންދަވަނީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

"ދެން މިއަދު ރައިސުލްޖުމްހޫރިއްޔާއާ ދިމާލަށް ޖުޑިޝަރީއާ ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން މިދައްކާ ވާހަކަތަކަށް އަޅުގަނޑު ދަންނަވާނީ މިކަމާ ކިތަންމެ ވަރަކަށް ތެޅިތެޅި ތަރަތަރަލިއަސް ކުރާނެ ކަމެއް ނެތޭ،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން "ތައްޔާރު"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަބަބެއްގެ ގޮތުގައި އާމިރު ވިދާޅުވީ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުރި މީހާގެ ސިޔާސަތަކީ ގާނޫނާ ރައްޓެހި، ޝަރުއީ ދާއިރާ ދަންނަ އަދި ގާނޫނު ހަދާ މަޖިލިސް ފަރިތަ ސިޔާސަތަކަށް ވާނަމަ އެތަނުގެ މެޖޯރިޓީ މީހުން ވެރިމީހާއާ ދެކޮޅަށް ބަސްނުބުނާނެ ކަމަށެވެ. އަދި އެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލާނީ 'މޮޔަ' އިން ކަމަށް ވެސް އާމިރު ސިފަ ކުރެއްވިއެވެ.

"މިއަދު ރައީސް ޔާމީންއަށް އިޝާރާތް ކުރައްވައި ވެސް އެތާނގައި ހުންނަވަނިކޮށް ވެސް އަދި ނިމިގެން ވަޑައިގެންނެވީމަ ވެސް އެބޭފުޅާއާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އެބައޮތް އެކަން ކޮށްފި ކަމުގައި ވަނީ ނަމަ،" އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ސަރުކާރު ހިންގުމުގައި ޖުޑީޝަރީގެ ތެރެއިން އަދި މަޖިލީހުގެ ތެރެއިން ވެސް އުދަގޫ ތަކަކާ ކުރިމަތިވާ ނަމަ އެ ކަމެއްގެ ވާހަކަ ދައުލަތުގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ރައީސް ދައްކަވާނެ ކަމަށާއި ނަމަވެސް އެއީ ޖުޑީޝަރީގެ ކަންކަމަށް އަތް ބޭނުމޭ ނުބުނެވޭނެ ކަމަށެވެ.