ރެއާލް މެޑްރިޑްގެ ކޮސްޓަ ރީކާ ގޯލްކީޕަރު ކޭލާ ނަވާސްއަށް އަނިޔާއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުގައި، ނަވާސްއަށް ފުރަތަމަ އަނިޔާއާ ކުރިމަތިލާން ޖެހުނީ މިދިޔަ ހަފްތާ ކޮސްޓަ ރީކާ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށެވެ.

ސްޕެނިޝް ލަލީގާގައި މިދިޔަ ހަފްތާ ގެޓާފޭއާ ދެކޮޅަށް ކުޅެ، 2-1 ލަނޑުގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި އުމުރުން 30 އަހަރުގެ ނަވާސް ފެނިފައި ނުވި ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އޭނާ ފެނިގެންދިޔައެވެ.

ރެއާލުން ނެރުނު ރަސްމީ ބަޔާނެއްގައި ނަވާސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާއެއްވިކަން ކަށަވަރު ކޮށްދިން ނަމަވެސް، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އަނިޔާގެ ސަބަބުން ނަވާސްއަށް ދެ ހަފްތާގެ މުއްދަތެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އަދި ރަށުން ބޭރުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.