ދެހާސް އަށް ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ ކާމިޔާބު ފިލްމު 'ސިންގް އިޒް ކިންގް'ގެ ސީކުއަލް އަށް ޕްރޮޑިއުސަރު ޝެއިލެންދުރަ ސިންގް ތައްޔާރުވެއްޖެ އެވެ.

ފުރަތަމަ ފިލްމު ރިލީޒް ކުރިތާ ދިހަ އަހަރު ވާން ކައިރިވެފައި ވަނިކޮށް، ފިލްމުގެ ދެވަނަ ބައި އިއުލާން ކޮށްފައި ވަނީ މިދިޔަ މަހު އެވެ. ނަމަވެސް ސީކުއަލްގެ ނަން ބަދަލުކޮށް، އަކްޝޭގެ ބަދަލުގައި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އެހެން އެކްޓަރެއް ކަން ޕްރޮޑިއުސަރު ވަނީ ހާމަކޮށްފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ނަމަކަށް ހަމަޖައްސައިފައި ވަނީ 'ޝޭރް ސިންގް' އެވެ. އަދި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ރަންވީރު ސިންގް އެވެ.

ފިލްމުގެ ނަން ބަދަލު ކުރަން ޖެހުނީ، 'ކިންގް އިޒް ކިންގް'ގެ ޑައިރެކްޓަރު ވިޕުލް ޝާހް، ދެވަނަ ފިލްމުގައި އެކުގައި މަސައްކަތް ކުރަން ދެކޮޅު ހެދުމުންނެވެ.

ޝެއިލެންދުރަ ބުނީ ބޮލީވުޑްގައި "އައިކޮނިކް ސުޕަހީރޯ" އަދި ނެތް ކަމަށާއި، 'ޝޭރް ސިންގް' ވެގެންދާނީ އެ ކެރެކްޓަރަށް ކަމަށެވެ. އެހެންކަމުން ފިލްމަކީ ބޮލީވުޑަށް މުހިންމު ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް 'ޝޭރް ސިންގް' އަކީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއް ނޫން ކަމަށާއި، އެކަމަކު އެއީ ވަރަށް އާދަޔާ ޚިލާފު އިންސާނެއް ކަމަށް ޝެއިލެންދުރަ ބުންޏެވެ.

ފިލްމަށް ރަންވީރު ހަމަޖެއްސި ސަބަބު ހިއްސާ ކުރަމުން އޭނާ ބުނީ އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރު ފަދަ ޚާއްސަ ކަމެއް ރަންވީރު ކިބައިގައި ވާކަމަށާއިި ރަންވީރު އަކީ ބޮލީވުޑްގެ މިހާރުގެ "ސަރްދާރް" ކަމަށެވެ.