20 Oct 2017, 13:48
ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ'އަކީ އިންޑިއާ ރައްޔިތުން ފަޚުރުވެރިވާ ވަރުގެ ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ބުނެފި އެވެ.
އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު، ފިލްމަށް ފިއްތުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ފިލްމުގެ ޓްރެއިލާ އިން ގިނަބަޔަކު ހައިރާންކޮށްލި އިރު، ފިލްމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާ އިން ވަނީ އެ މީހުންނަށް ނުދައްކާ ފިލްމު ރިލީޒްކޮށްފިނަމަ ސިނަމާތައް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޝާހިދު ބުނީ ފިލްމު ނުބަލާ ފިލްމަށް ފާޑު ނުކިޔޭނެ ކަމަށެވެ. އަދި ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.
"ޑިސެމްބަރު އެކެއްގައި ފިލްމު ރިލީޒް ކުރަން ތައްޔާރު. އެއީ އިންޑިއާގެ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެ ފިލްމަކަށް ވާނެ. ފިލްމުގައި ދައްކުވައިދޭނީ އިންޑިއާގެ ތާރީޚާއި ސަގާފަތް. ފިލްމުގައި އިންޑިއާ ދައްކުވައިދީފައި ވާނީ ރަނގަޅަށް،" ޝާހިދު ބުންޏެވެ.
އެހެންކަމުން ފިލްމާ މެދު ގޮތެއް ނިންމަން ޖެހޭނީ ފިލްމު ބެލުމަށްފަހުގައި ކަމަށް އޭނާ ބުންޏެވެ.
ޝާހިދު ބުނީ ފިލްމު ރިލީޒް ކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ބަންސާލީ އާއި ފިލްމުގެ އިސް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާލަތަށް ބަލައި ފިލްމާ ގުޅޭ މާގިނަ ވާހަކަތަކެއް ހާމަކުރެވެން ނެތް ކަމަށެވެ.
'ޕަދްމާވަތީ' އަށް ސަޕޯޓު ކުރުމަށް ދިވާލީ އާއި ދިމާކޮށް ތައްޔާރުކުރި ރަންގޯލީ އެއް ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ޝާހިދު އަދި ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ޑައިރެކްޓަރު ބަންސާލީ އަށް ވެސް ރާޖްޕުތު ކަރްނީ ސޭނާގެ މެމްބަރުން ވަނީ ހަމަލާ ދީފަ އެވެ. އަދި ފިލްމުގެ ސެޓެއްގަިއ ވެސް ވަނީ ރޯކޮށްލައިފަ އެވެ.