19 Oct 2017, 22:27
މި އަހަރު ކުޅޭ އެއްވެސް މެޗެއްގައި ކްލަބު ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އައްމަޑޭ)އަށް ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
އައްމަޑޭގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އއ. މާޅޮހާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޭނާ ފެނިފައެއް ނުވެއެވެ. އެ އަނިޔާގެ ސަބަބުން އެންމެ ފަހުން އޮމާނާ ދެކޮޅަށް ރާއްޖޭގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ގައުމީ ސްކޮޑުގައި ވެސް އޭނާ ހިމެނިފައެއް ނުވެއެވެ.
އައްމަޑޭއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ތިން ހަފްތާ ގެއްލޭނެ ކަމަށް ގްރީނުން ކުރިން ލަފާ ކުރި ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮބާ ބުނީ، އައްމަޑޭއަށް މުޅި ސީޒަން އެއްކޮށް ގެއްލިދާނެ ކަމަށެވެ. އޭގެ އިތުރުން ގްރީންގެ މެދުތެރޭގައި އިސްދައުރެއް އަދާކުރާ އަލީ އިފާޒް (އަފައްޓޭ)އަށް ޕްރެކްޓިސްތަކުގައި ބައިވެރިނުވެވޭ ސަބަބު ވެސް ސޮބާ ވަނީ ހާމަކޮށްފައެވެ.
"އަޅުގަނޑަށް ހިއެއް ނުވޭ އައްމަޑޭއަށް ސީޒަންގެ ބާކީ ބައި ކުޅެވޭނެ ހެނެއް. އެއީ ކަކުލުގެ ވަރަށް ބޮޑު އަނިޔާއެއް. އޮފީސް މަސައްކަތް ހުންނަ ގޮތުން އިފައްޓޭއަށް އެއްވެސް ވަރަކަށް ޕްރެކްޓިސްގައި ޖޮއިން ނުކުރެވި މި ދަނީ. މާލޭ ލީގުގައި އެންމެ ރަނގަޅަށް ޕާފޯމްކުރި ދެ ކުޅުންތެރިން ނުލައި ކުޅެން ޖެހުމަކީ ވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ގްރީންގެ ކޯޗު ބުންޏެވެ.
އައްމަޑޭގެ އަނިޔާއާ ގުޅިގެން ސޮބާ އިތުރަށް ބުނީ، އޭނާގެ އަނިޔާގެ ސްޓޭޖުން އެއްޗެކޭ ބުނަން އަދި އުނދަގޫ ކަމަށާއި ސާޖަރީއަކަށް ދާން ޖެހޭނީތޯ ނޫނީ ފިޒިއޯ ހަދަން ޖެހޭނީ ކަމެއް އަދި ނޭނގޭ ކަމަށެވެ.
ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ގްރީން ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ތާވަލުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00ގައެވެ. ލީގުގައި ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި ނިއު އޮތް އިރު، ގްރީން އޮތީ އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގައެވެ.