މާލޭގައި ދުއްވާ ޓެކްސީއެއްގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޓެކްސީގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކާ ބެހުނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ ކުއްޖާއާ ބެހުނު މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށް، އޭނާ ދުއްވި ޓެކްސީ ފުލުހުން ވަނީ ކޯޑޮން [ހެކި ހޯދުމަށް ކުށްކުރި ސަރަހައްދު ޓޭޕު ދަމައި ބަންދުކުރުން] ކޮށްފަ އެވެ. މާލޭ ދެކުނުފަރާތު އެފްއެސްއެމް، ޕެޓްރޯލް ޝެޑާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި ބާއްވާފައިވާ އެ ޓެކްސީގެ ކައިރީގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ. ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން ދަނީ އެ ޓެކްސީ ކައިރީގައި ފޯރިމަރަމުންނެވެ.

ޓެކްސީއެއްގެ ތެރޭގައި ފިރިހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޓެކްސީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި --- ސަން ފޮޓޯ/ މުހައްމަދު ސަމާހު

އެކަމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ކޮމެންޓެއް ނުކުރި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

ދިހަ އަހަރުން ފެށިގެން ގޮސް 25 އަހަރު ދުވަހުގެ މުއްދަތަށް އެފަދަ މީހުން ޖަލަށްލެވޭ އަދަބުތަކެއް އެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.