އެލައިޑު އިންޝުއަރެންސްއިން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ހަފްތާއެއްގެ ތެރޭގައި ދޫކޮށްފި އެވެ.

އެލައިޑުން ބުނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެލައިޑުގައި އިންޝްއަރެންސް ކޮށްފައިވާ ފަރާރްތަކަށް ބަދަލެއްގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ބަދަލު ދެވިފައިވާ މައިގަނޑު އިންޝްއަރެންސް ޕެކޭޖް ތަކަކީ އޮޑި ދޯނި ފަހަރަށް ދޫކުރާ ހަލް އިންޝުއަރެންސާއި ހެލްތް އިންޝްއަރެންސާއި ފަޔާ އިންޝްއަރެންސް ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބަދަލު ދިނީ ކޮން ކުންފުނިތަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ކޮން ހާދިސާތަކެއްގައި ލިބުނު ގެއްލުންތަކަށް ދިން ބަދަލެއް ކަމަށް ވެސް އެ ކުންފުންޏަކުން ހާމައެއް ނުކުރެ އެވެ.

އެލައިޑް އިންޝްއަރެންސަކީ 1985 އިން ފެށިގެން އިންޝްއަރެންސްގެ ހިދުމަތް އާންމުންނާއި ކުންފުނިތަކަށް ދެމުންއަންނަތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ.

އެލައިޑުން ދަނީ ތަފާތު ގިނަ ދާއިރާއަކަށް އެ ކުންފުނީގެ އިންޝުއަރެންސްގެ ހިދުމަތް ދެމުންނެވެ. އެގޮތުން އޮޑިދޯނިފަހަރާއި ރިސޯޓުތަކާއި ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ދަނީ އެލައިޑްގެ އިންޝްއަރެންސްގެ ހިދުމަތް ހޯދަމުންނެވެ.