ކުނިއުކައިލުމުގެ ހިދުމަތަށް ރަޖިސްޓްރީކޮށްދިނުމާއެކު، ވަޒީފާގެ ފުރުސަތު ތަކާ ގުޅޭ މައުލޫމާތު ދިނުމަށް ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާދަމާ ވިލިމާލޭގައި އޯޕަންޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.

އޯޕަންޑޭ އާއި ގުޅޭ މައުލޫމާތު ދިނުމަށް ވެމްކޯގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެމްޓް މެނޭޖަރު މުހައްމަދު އިގްބާލު ވިދާޅުވީ ވިލިމާލޭގައި ވެމްކޯގެ ފަރާތުން މި މަހުގެ 21 ވާ ހޮނިހިރު ދުވަހު އޯޕަންޑޭ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އެ ކުންފުނީގެ ހިދުމަތާ ގުޅޭ މައުލޫމާތު ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދީ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރުމަށް ފަސޭހަ ފުރުސަތެއް ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް ވެސް އިގުބާލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިލިމާލޭގައި ވެމްކޯގެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރުން މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށް ކުރިއްދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިމަހުގެ 21 ވަނަ ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދާ އޯޕަންޑޭގެ ހަރަކާތްތައް ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 10 އަށް ކުރިއަށްދާނެ. މި ވަގުތުތަކުގައި ޔޫތް ސެންޓަރުގައި ބެހެއްޓިފައި ހުރި ޑެސްކު ތަކުން ރެޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދެވޭނެ. ޔޫތް ސެންޓަރުގައި ގާއިމްކޮށްފައިވާ ޑެސްކުތަކުން މިމަހުގެ 30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ،" އިގްބާލު ވިދާޅުވިއެވެ. އިގްބާލު ވިދާޅުވީ ފޯމު ފުރަން ވަޑައިގަންނަވާއިރު އައިޑީކާޑުު ގެނައުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވިލިމާލޭގައި ކުނި އުކައިލުމުގެ ހިދުމަތް ފެށުމަށް ވެމްކޯ އިމް ތައްޔާރުވަމުން އަންނަ އިރު އެ ކުންފުނިން މިހާރު އަންނަނީ އެ އަވަށުގައި ކުނި މެނޭޖުކުރާ ގޮތާ ގުޅޭ ސާވޭއެއް ހިންގަމުންނެވެ.

ހޮނިހިރު ދުވަހު ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ބާއްވާ އޯޕަންޑޭގައި، އެކުންފުނީގެ ފަރާތުން ވިލިމާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ވަޒީފާ އަށް އެދި ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ވެމްކޯގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިން މަރިޔަމް އައްޒަ ވިދާޅުވީ އެ ކުންފުނީގެ ހަތް މަގާމަކަށް 50 އަށް ވުރެ ގިނަ މީހުން ވިލިމާލޭގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި ވެށި ފާރަވެރިންގެ އިތުރުން ޑްރައިވަރުންނާ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާނެ މީހުން ވެސް ހިމެނެއެވެ.

"މާދަމާގެ އޯޕަންޑޭގަ ހަތް މަގާމަކަށް މީހުން ނެގުމަށް އިންޓަވިއުތަކެއް ކުރިއަށްދާނެ، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތައުލީމީ ސެޓްފިކެޓްތައް އަދި އެކްސްޕީރިއަންސް ލެޓާ އަދި ކްލިޔާ ޕޮލިސް ރިޕޯޓު ބޭނުންވާނެ، ޕޮލިސް ރިޕޯޓު މިވަގުތު ނެތްނަމަ އިންޓަވިއު އަށްފަހު ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް ޕޮލިސް ރިޕޯޓު ހުށަހަޅަން ވާނެ،" އައްޒަ ވިދާޅުވި އެވެ. އައްޒަ ވިދާޅުވީ އުއްމީދަކީ މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިން ކަމަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މާލޭގައި ވެމްކޯގެ މުވައްޒަފުންގެ ގޮތުގައި 200 އަށް ވުރެ ގިނަ މީހުން ވެށިފާރަވެރިންގެ ގޮތުގައި ކުލި ނެގުމަށް ހަރަކާތްތެރިވާއިރު މީގެ ބޮޑު އިއްސައްތައަކީ ދިވެހިން ކަމަށް ވެމްކޯއިން ހާމަކުރެ އެވެ.

ވިލިމާލޭގައި ކުނި އުކައިލުމުގެ ހިދުމަތް ފެށުމަށް ވެމްކޯ އިން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ވިލިމާލޭގައި ކުނި ނަގައި އުކައިލުމަށް ބެނުން ކުރާނީ ބެޓްރީ ޓްރައިސައިކަލްގެ އިތުރުން ބޮޑު އެއް ވެހިކަލް ކަމަށް ވެމްކޯ އިން ބުނެއެވެ.