19 Oct 2017, 14:26
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގައި މިހާރު ތިބި ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައި މިއަދު ހިއްސާ ވިއްކަން ފަށައިފިއެވެ.
އެމްޓީސީސީގެ ހިއްސާދާރުންނަށް ވިއްކަން ހަމަޖެހިފައިވަނީ ފަސް މިލިއަން ހިއްސާ އެވެ. ހިއްސާ ވިއްކަން ހަމަޖެހިފައިވާ އަގަކީ ހިއްސާ އަކަށް 62 ރުފިޔާއެވެ. ހިއްސާ ވިއްކައިގެން އެ ކުންފުންޏަން ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދަކީ 310 މިލިއަން ރުފިޔާއެވެ.
ހިއްސާދާރުންނަށް ހިއްސާ ވިއްކަން ފެށުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޓީސީސީގެ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ ވިދާޅުވީ، ރައިޓްސް އިޝޫގެ ދަށުން ހިއްސާދާރުންނަށް ހިއްސާ ވިއްކުމަށް މުޅިރާއްޖޭގައި ހަރަކާތްތެރި ވާނެކަމަށެވެ.

ހިއްސާދާރުންނަށް ހިއްސާ ވިއްކަން ފެށުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެމްޓީސީސީގެ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެމްޓީސީސީގެ ހިއްސާދާރުން އެންމެ ގިނައިން ތިބި ސަރަހައްދުތަށްކަށް އިސްކަންދީގެން އެ ކުންފުނީގެ މުވައްޒަފުންގެ ނުވަ ޓީމަކުން ރާއްޖެތެރެއަށް ދަތުރުކޮށް ހިއްސާދާރުންނާ ބައްދަލުކޮށް ހިއްސާ ވިއްކުމުގެ މަސައްކަތް ކުރާނެކަމަށް ހިލްމީ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގަތުމުގެ ފުރުސަތު ހުޅުވާލައިފައި ވީނަމަވެސް، ރައިޓް އިޝޫ ސްޓްރަކްޗާ ކުރެވިފައިވަނީ ކޮންމެ ރައްޔިތަކަށްވެސް ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ ގޮތަށްކަމަވެ. އެގޮތުން ހިއްސާދާރަކު އެ ހިއްސާދާރަކަށްވީ ހިއްސާގެ ރައިޓް އެހެން ފަރާތަކަށް ދީފިނަމަ ހިއްސާ ގަތުމުގެ ފުރުސަތު އާންމު ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"ހިއްސާ ވިއްކޭ އަދަދު އިތުރު ކުރުމުގެ ގޮތުން ރައިޓްސް އިޝޫ ސްޓްރަކްޗާ ކުރެވިފައި މި ވަނީ. އެގޮތަށް ސްޓްރަކްޗާ ކުރެވުނީމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ހިލްމީ ވިދާޅުވިއެވެ.

އެމްޓީސީސީ ޓަވަރުގެ ތިންވަނަ ފަންގިފިލާގައި ކުރިއަށްދާ ހިއްސާ ވިއްކުމުގެ ހަރަކާތް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ރައިޓްސް އިޝޫގެ ދަށުން ހިއްސާ ވިއްކަން ނިންމާފައިވަނީ އެމްޓީސީސީން ގެންނަ މަހާ ޖައްރާފު ގެނައުމަށް ސަރުކާރުން ލޯނު ފައިސާގެ ގޮތުގައި ދީފައިވާ 11 މިލިއަން ޑޮލަރުގެ އަގަށް އެ ކުންފުނީގެ ހިއްސާ ދިނުމަށް ނިންމުމުން އެހެން ހިއްސާދާރުންނަށްވެސް ހަމަ އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއިން ހިއްސާ ވިއްކުން ރަސްމީކޮށް މާލޭގައި ކުރިއަށްދަނީ "އެމްޓީސީސީ ޓަވަރު"ގެ ތިންވަނަ ފަންގިފިލާގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިއްސާ ގަތުމުގެ ފުރުސަތު ސްޓޮކް އެކްސްޗޭންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައި ވުމުގެ އިތުރުން ޕޯސްޓް އަދި އިސްލާމިކް ބޭންކްގެ ބްރާންޗްތަކުންވެސް ހިއްސާ ގަނެވެނެކަމާށް އެމްޓީސީސީން ބުންޏެވެ.

ހިއްސާ ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެންބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާނެކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިއްސާ އެކަށައެޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 24 ގައިކަމަށްވެސް އެމްޓީސީސީން ބުންޏެވެ.