19 Oct 2017, 11:53
ގއ. ވިލިނގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް، ގެނބިގެން މަރުވި ފުލުސް މީހާ، އޭނާގެ އުފަން ރަށް، ކ. ކާށީދޫގައި ރޭ ވަޅުލައިފި އެވެ.
ފުލުހުންގެ ކޮންސްޓަބަލް މުހައްމަދު ހަނީފު،32،ގެ ހަށިގަނޑު ވަޅުލާފައި ވަނީ ކާށިދޫ ގަބުރުސްތާނުގައި ރޭ ފަތިސްނަމާދަށް ފަހުގަ އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން" ސަން" އަށް މިއަދު ވިދާޅުވީ ރޭ ފަތިސް ނަމާދަށް ފަހު ހަނީފުގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށާއި ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.
ހަނީފްގެ ހަށިގަނޑު ރޭ ވަނީ ގއ. ކޫއްޑޫ އެއާޕޯޓުުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ގެނެސްފަ އެވެ. އެއަށް ފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ ކާށިދުއަށް ގެންގޮސްފަ އެވެ.
ހަނީފު މަރުވީ ގއ. ވިލިނގިލީ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ގއ. ރައިވެއްރެހާއަށް ގޮސް، އޭނާގެ އަންހެނުންނާ އެކު މޫދަށް އެރި އުޅެނިކޮށެވެ. ހަނީފު ގެނބުނީ އެ ސަރަހައްދުގެ މޫދުގައި އޮއި ބާރުވެފައި ވަނިކޮށެވެ. ހަނީފަށް ފަތަން އެނގުނަސް އޭނާ ގެނބެން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ.
ބައެއް މީޑިއާތަކަށް އޭނާގެ އަންހެނުން ލާބިޔާ ކިޔައިދިން ގޮތުގައި ފިރިމީހާ އޮޔާ ދިޔަ ވަގުތު، "ގޮތެއް ވާ ކަމަށް" ބުނި ކަމަށެވެ. ހަނީފުގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެނބުނުތާ ދެ ގަޑިއިރު ފަހުންނެވެ.
ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުލުސް މީހާ މަރުވެފައިވާ ކަމަށެވެ.