އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ރައީސްގެ މަގާމަށް މެކްސިކޯގެ ގާނޫނު ހަދާ މަޖިލީހުގެ ކަނބަލެއް ކަމަށްވާ ގެބްރިއެލާ ކުއެވާސް ބަރޯން އިންތިހާބުކޮށްފި އެވެ.

ގެބްރިއެލާ އެމަގާމަށް އިންތިހާބުކޮށްފައި ވަނީ ރަޝީޔާގެ ސެއިންޓް ޕީޓާސްބާގްގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 137 ވަނަ ޖެނަރަލް އެސެމްބްލީގައި ނެގި ވޯޓް ކާމިޔާބުކޮށްގެންނެވެ.

އައިޕީޔޫގެ 129 ވަނަ ރައީސްގެ މަގާމަށް ގެބްރިއެލާ އިންތިހާބްވެ ވަޑައިގަތީ 287 ވޯޓު ލިބިވަޑައިގެންނެވެ. އެކަމަނާއާ ދެން ވާދަކުރެއްވި ޔުރުގުއޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިވޯން ޕަސާދާއަށް ލިބިވަޑައިގަތީ 70 ވޯޓެވެ.

ދެ ކެނޑިޑޭޓުން ވާދަކުރެއްވި އެ އިންތިހާބު ގެބްރިއެލާ ކާމިޔާބު ކުރެއްވި އިރު އިސްލާމީ އަރަބި ގިނަ ގައުމުތަކަކުން ވަނީ އެކަމަނާއަށް ތާއީދުކުރައްވާކަން ހާމަކޮށްފަ އެވެ. އަރިބި ގައުމުތަކުން ގެބްރިއެލާއަށް ތާއިދުކޮށްފައި ވަނީ ޑިމާންޑްތަކެއް ކުރުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޑިމާންޑަކީ އައިޕީޔޫގެ ރަސްމީ ބަސްތަކުގެ ތެރޭގައި އަރަބި ބަސް ހިމެނުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވެސް ހުންނެވީ އައިޕީޔޫގެ އެސްމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރަޝީޔާގަ އެވެ. ނަމަވެސް ރާއްޖެ އިން ވޯޓް ދެއްވީ ކޮން ކެނޑިޑޭޓަކަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އައިޕީޔޫގެ ރައީސްގެ މަގާމް އެންމެ ފަހުން ފުރުއްވާފައި ވަނީ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.