19 Oct 2017, 09:57
ބޮލީވުޑްގެ އެންމެ މޮޅު ފިރިހެން ބަތަލާ ޝާހްރުކްހާންއާ އެކީ މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ބުނެފި އެވެ.
އޭނާ ބުނީ ޝާހްރުކްހާނާ އެކީ މަސައްކަތްކުރަން ވަރަށް ބޭނުން ކަމަށާއި އެކަމަކު އަދި އެކަހަލަ ފުރުސަތެއް ލިބިފައިނުވާ ކަމަށެވެ.
"ޓައިމްސް އޮފް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފެށުނީއްސުރެ ޝާހްރުކްހާނާ އެކީ މަސައްކަތް ކުރަން ބޭނުންވި ކަމުގައިވި ނަމަވެސް އެކަމަށް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ.
"އަހަރެން އަބަދު ވެސް ބޭނުންވޭ ޝާހްރުކްހާންއާ އެކީ މަސައްކަތްކޮށްލަން. އެއީ އަހަރެންގެ ހުވަފެނެއް. އެތައް ފަހަރެއްގެ މަތިން ޝާހްރުކް ގާތު އެ ވާހަކަ ވެސް ދެކެވިއްޖެ. އެކަމަކު އެ ދުވަސްކޮޅު އެއްވެސް ސްކްރިޕްޓެއް ހަދާފައި ނެތީމާ ފިލްމް ނުކުޅެވެނީ. އެކަމަކު ވަރަށް އަވަސް މުސްތަގްބަލެއްގައި މޮޅު ފިލްމް ސްކްރިޕްޓެއް ހިފައިގެން ޝާހްރުކް ގާތަށް ދާނަން. އަދި އޭނާ އާ އެކީ މަސައްކަތް ވެސް ކުރާނަން،" އޭނަ ބުންޏެވެ.
ޝާހްރުކް ބުނީ ރާޖްކުމާރު ހިރާނީ އާ އެއްކޮށް އޭނާ ވެސް މަސައްކަތް ކޮށްލަން އަބަދު ވެސް ބޭނުންވާ ކަމަށާއި ވަރަށް އަވަސް މުސްތަގްބަލެއްގައި އެކަން ވެސް ފުރިހަމަ ކުރާނެ ކަމަށެވެ.