ފާއިތުވި ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި 213 މައްސަލައިގެ ތެރެއިން 104 މައްސަލައަކީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރާ އިރު، ފާއިތުވި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ އާ ގުޅޭ 104 މައްސަލައެއް ސެޕްޓެމްބަރު މަހު ވަނީ ހުށަހަޅައިފަ އެވެ. އެއީ މިދިޔަ މަހުގެ ހުށަހެޅުނު މައްސަލަތަކުގެ 49 ޕަސެންޓް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްގެން 43 މައްސަލައެއް ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 24 މައްސަލަ އާއި ނަފްސާނީ ހާނީއްކައިގެ 17 މައްސަލަ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސްހިސާބުތައް ދައްކަ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް އިހުމާލުވުމުގެ އަށް މައްސަލައެއް ސެޕްޓެމްބަރު މަހު ވަނީ ހުށަހަޅައިފަ އެވެ. އަދި ކުދިން ދޫކޮށްލާފައި ދިޔުމުގެ ހަތަރު މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން "ގަނާ"ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލަ އަދި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ ވެސް ނިމިދިޔަ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކި ބާވަތްތަކުގެ ކުށް ކޮށްގެން 10 ކުޑަކުއްޖެއްގެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ ދެ މައްސަލަ އާއި ވައްކަންކުރުމުގެއެއް މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑާ އިން ބުނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅިގެން އަށް މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ. އޭގެ ތެރޭ ތައުލީމަށް ހުރަސްއެޅުމާއި ސިއްހީ ފަރުވާއަށް ހުރަސްއެޅުން ފަދަ މައްސަތައް ހިމެނޭ ކަމަށް އެމިނިސްޓްރީން ފާހަގަކުރެ އެވެ.

ވަކި ޖިންސަކަށް ނިސްބަތްވާތީ ކުރާ އަނިޔާގެ 32 މައްސަލައެއް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް އެމިނިސްޓްރީ އިން ބުންޏެވެ. މިއީ މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 15 ޕަސެންޓެވެ. މީގެ ތެރޭގައި ނަފްސާނީ އަނިޔާ ދިނުމާއި ޖިސްމާނީ އަނިޔާ ދިނުން އަދި ގަދަކަމުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލައަކާއި އިހުމާލު ވުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ހިމެނޭކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.