19 Oct 2017, 09:02
އާނަންދް އެލް ރާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމުގައި ދީޕިކާ ޕަދުކޯން ހަރަކާތްތެރިވާން ނިންމައިފިއެވެ.
ޝޫޓިން ފެށިގެން ކުރިއަށް ދާ އެ ފިލްމުގައި ޝާހްރުކް ހާން ޑުވޯފެއްގެ ރޯލު އަދާކުރާ އިރު ފިލްމުގައި ހިމެނޭ އަންހެން ތަރިންނަކީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ.
ދީޕިކާ ބުނީ އޭނާ އަށް ލިބިފައިވާ ރޯލަކީ ކުޑަ ރޯލެއް ކަމަށާ ނަމަވެސް އެ ރޯލަކީ ވަރަށް މަޖާ ރޯލެއްކަމަށެވެ.
" އެއް ދުވަހު ޝާހު ގުޅާފައި ބުނީ އެބައޮތޭ ރޯލެއް. ވަރަށް ހާއްސަ ވާނޭ މި ރޯލު. އެ ރޯލު ވަރަށް ކުރުވާނޭ. އެކަމަކު ވަރަށް މަޖާ ވެސް ވާނެޔޭ. އޭގެ ސްކްރިޕްޓް ކިޔާލާފައި ދެން އެނގިއްޖެ މިއީ ފައްކާ ރޯލެއްކަން. ރޯލާ މެދު ހިތްހަމަޖެހޭތީ އެ ރޯލު ކުޅެން އެއްބަސްވީ،" ފިލްމް ބީޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އެހެންކަމުން އެ ފިލްމް ވެގެންދާނީ ކުޅަދާނަ ބަތަލާ ދީޕިކާ އަދި ކެޓްރީނާ އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.