އަންކަރާ (އޮގަސްޓް 1) : ތުރުކީ ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި އެންމެ ނުފޫޒުގަދަ އިސް ޖެނެރަލުން މިދިޔަ ހުކުރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަޤާމްތަކަށް އަލުން ޖެނެރަލުން އިޚްތިޔާރު ކުރުމުގެ މަސައްކަތް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ފައްޓަވައިފިއެވެ.

ތުރުކީގެ ސިފައިންގެ ޤާނޫނުގައިވާ ގޮތުން ސިފައިންގެ އިސްމަޤާމުތަކަށް ކޮމާންޑަރުން ޢައްޔަން ކުރުމުގެ ކަންތައް ރަމްޒީ ގޮތުން ކުރައްވާނީ އެޤައުމުގެ ރައީސެވެ. ނަމަވެސް ސިފައިންގެ އިސްމަޤާމުތަކަށް ޢައްޔަންކުރާ ކޮމާންޑަރުން އިޚްތިޔާރުކޮށް އެމީހުން ހޮވާނީ ސިފައިންގެ އެންމެ މަތީ މަޖިލީހާ މަޝްވަރާގެ މަތިން ބޮޑުވަޒީރެވެ.

ސިފައިންގެ ޢަސްކަރީ މަޖިލީހަކީ ދިފާއީ ވަޒީރާއި ސިފައިންގެ އިސްޖެނެރަލުންނާއި ޢަސްކަރީ ފަންނީ ތަޖްރިބާކާރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. މިކަމަށްޓަކައި ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން މިއަދުވަނީ ސިފައިންގެ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަށް ޢަސްކަރީ މަޖިލީހުގެ 14 ޖެނެރަލުންގެ ތެރެއިން 5 ޖެނެރަލަކު ޙާޒިރުވެ ވަޑައިގެންފައި ނުވާއިރު މީގެ ތެރެއިން އެއް ޖެނެރަލަކީ ބަޣާވާތުގެ މައްސަލާގައި ހައްޔަރު ކުރެވިފައިވާ ބޭފުޅެކެވެ.

ތުރުކީ ސިފައިންނަށް ޕްރޮމޯޝަނާއި ކުލަތައްވެސް ދެނީ މިމަޖިލީހުގެ މަޝްވަރާގެ މަތިން ބޮޑުވަޒީރެވެ. ނަމަވެސް މިފަދަ ރަސްމިއްޔާތުތައްވެސް ރަމްޒީ ގޮތުން ޝަރަފުވެރި ކުރައްވަނީ ތުރުކީގެ ޖުމްހޫރިއްޔާގެ ރައީސެވެ.
ތުރުކީ ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި އެންމެ ނުފޫޒުގަދަ އިސް ޖެނެރަލުން މިދިޔަ ހުކުރު ދުވަހު އިސްތިއުފާ ދެއްވީ އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ސަރުކާރާ ދެކޮޅަށް ޢަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ސިފައިންގެ 250 އޮފްސަރަކު މިނިވަންކުރުމަށް ސިފައިންގެ އިސްވެރިން ކުރިމަސައްކަތްތައް ނާކާމިޔާބުވުމުން ހިތްހަމަނުޖެހިގެންނެވެ.

ތުރުކީ ސިފައިންގެ ލަޝްކަރުތަކަކީ އެމެރިކާ ފިޔަވައި ނޭޓޯގައި ދެން އެންމެ ބޮޑު ލަޝްކަރެވެ. އިސްލާމީ ދުނިޔެއަށްބަލާއިރު ޕާކިސްތާނާއި އީރާން ފިޔަވައި ދެންމެ އެންމެ ބޮޑު ސިފައިންގެ ލަޝްކަރަކީ ތުރުކީގެ ލަޝްކަރެވެ.

ތުރުކީ ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ލާދީނީ ޚިޔާލުގެ އެންމެ ނުފޫޒުގަދަ އިސްޖެނެރަލުން އިސްތިއުފާ ދެއްވުމަކީ ތުރުކީ ސިފައިންގެ ލަޝްކަރުތައް ކޮންޓްރޯލް ކޮށް ތުރުކީ ސިފައިން އެމީހުންގެ އިމުގެ ތެރޭގައި ބޭތިއްބުމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާނަށް ފަސޭހަވެގެން ދާނެ ކަމެއްކަމަށް މުރާސިލުން ބުުނެއެވެ.
ތުރުކީގެ ނޫސްތައް ބުނާގޮތުން ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަސީކް ކުސާނީރް އާއި ކަނޑާއި ވަޔާއި އެއްގަމު ސިފައިންގެ ކޮމާންޑަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން އެމަޤާމުތަކަށް އުރުދުޣާންގެ ސަރުކާރުން ދެން އިޚްތިޔާރު ކުރައްވާނީ ސަރުކާރަށް ކިޔަމަންތެރި އަދި ސަރުކާރުގެ އިތުބާރުއޮތް ޖެނެރަލުންނެވެ.
މިކަމުގެ ސަބަބުން ޒަމާނުއްސުރެ ތުރުކީ ސިފައިންގެ ތެރޭގައި އޮތް ސިޔާސީ ވެރިންގެ މައްޗަށް ބާރުފޯރުވުމާއި ޢަސްކަރީ އިންޤިލާބުތައް ގެނަސްގެން ދިމުޤްރާތީ ސަރުކާރުތައް ވައްޓާލުމުގެ ޘަޤާފަތް ނިމުމަކަށް އަންނާނެ ކަމަށް އެޤައުމުގެ ނޫސްތައްބުނެއެވެ.

ތުރުކީގެ ޖުމްހޫރިއްޔަތުގެ ބާނީ މުސްތަފާ ކަމާލް އަތާތުރުކުގެ ބޯދާ ލާދީނީ ފިކުރުތަކުގެ މުގުލުގައި ތިއްބެވި ތުރުކީ ސިފައިންގެ އިސްޖެނެރަލުންނަކީ އެޤައުމުގެ ރައްޔިތުން އިންތިޚާބުކުރާ ދިމުޤްރާތީ ސަރުކާރުތައް ޢަސްކަރީ އިންޤިލާބުތައް ގެނަސްެ ވައްޓާލުމުގެ ޘަޤާފަތެއް ގެންގުޅޭ ބައެކެވެ.

މިގޮތުން 1997 ވަނަ އަހަރު ތުރުކީ ރައްޔިތުން އިންތިޚާބުކުރި އެޤައުމުގެ އޭރުގެ އިސްލާމީ ލީޑަރު ޑޮކްޓަރ ނަޖުމުއްދީން އަރުބަކާންގެ އިސްލާމީ ޚިޔާލުގެ ސަރުކާރުވެސް ޢަސްކަރީ އިންޤިލާބަކުން ވައްޓާލާފައިވަނީ ސިފައިންގެ ލާދީނީ ޚިޔާލުގެ ޖެނެރަލުންނެވެ.

ނަމަވެސް ތުރުކީގެ މިހާރުގެ އިސްލާމީ ލީޑަރު ރަޖަބް ތައްޔިބު އުރުދުޣާން، ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ތުރުކީގެ ލާދީނީ ޖެނެރަލުން ސަރުކާރުގެ މައްޗަށް ހިންގަމުން ގެންދިޔަ ނުފޫޒު ވަރަށްބޮޑަށް ކުޑަވެ ޖެނެރަލުންވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވެން ފަށާފައެވެ.

ތުރުކީގެ ސިފައިންގެ ސިޔާސީ ނުފޫޒު ކަނޑުވާލައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ޖެނެރަލުން ގެނައުމުގައި ޔޫރަޕްގެ އިއްތިޙާދުގެ ދައުރުވެސް ވަރަށް ބޮޑުކަމަށް މުރާސިލުން ބުނެއެވެ.

ތުރުކީގެ ޢަސްކަރީ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޮޑުވަޒީރު އުރުދުޣާން، ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަޤާމަށް ވަގުތީ ގޮތުން އިޚްތިޔާރު ކުރައްވާފައިވަނީ ޖެނެރަލް ނެޖްދަތު އޮޒާލެވެ. -- ރޮއިޓާސް، އަލްޖަޒީރާ