18 Oct 2017, 19:55
ފައިސާއަކީ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެކެވެ. ކުޑަކުޑަ އިންވެސްޓްމަންޓަކުން ވެސް ތިމާގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެ އެވެ. މުޅި ހަޔާތަށް އުފާވެރިކަމާ ތަނަވަސްކަން ގެނެވިދާނެ އެވެ. އެކަމަކު އެއީ ފައިސާގެ ބޭނުން ހެޔޮގޮތުގައި ކުރަން އެނގިގެންނެވެ. ފައިސާގެ މުހިއްމުކަމާއި، އޭގެ ހަގީގީ ބޭނުންތެރިކަމާއި ބޭނުންކުރާނޭގޮތްތައް ވެސް ރަނގަޅަށް އެނގިގެންނެވެ.
ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ،ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިން ޔޫތު(ރަފީ) ޖަމިއްޔާއިން "މަނީ އެންޑް މީނިންގ އޮފް ލައިފް"ގެ ނަމުގައި ވަރަށް ޚާއްސަ ސެމިނާރެއް ބޭއްވުމަށް ތައްޔާރުވެފައެވެ. މި ސެމިނާގައި މައުލޫމާތު ދެއްވާނީ، ކަމުގެ ތަޖުރިބާހުރި، މަޝްހޫރު ބޭކަނބަލެކެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ، ބައިނަލްއަގްވާމީ ސެލެބްރިޓީއެއް ކަމަށްވާ، ޑރ. އަނާ ބާރޗެޓީ ޑުރިޝް (ޕީއެޗްޑީ)އެވެ.
ޕޮލެންޑުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ، ޑރ. އަނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންސް އިން މާސްޓަރސް ހައްދަވައި، މެޓަފިޒިކަލް ސައިންސުން ޕީއެޗްޑީ ހައްދަވާފައިވާ ކަނބަލެކެވެ. އޭނާއަކީ ޕަބްލިކް ސްޕީކަރއެއްގެ އިތުރުން މެންޓަރއެއްވެސް މެއެވެ. ތައުލީމާއި ތަރައްގީގެ ކަންކަމުގައި ޔުނައިޓެޑް ނޭޝަންސްގެ އިކޮނޮމިކް އެންޑް ސޯޝަލް ސައިންސް (އެކޯސޮކް)އަށް އެހީތެރިވެދޭ ސްވިސް ޖަމިއްޔާއެއް ކަމަށްވާ، ހީލިއަސް ލައިފް އެސޯސިއޭޝަންގެ ސީއީއޯ އަދި ފައުންޑަރއެވެ.
ރަފީ ޖަމިއްޔާއިން މިއޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުބާއްވަން ހަމަޖެހިފައިވާ ސެމިނާގައި، ދިރިއުޅުމުގައި ފައިސާގެ މުހިއްމު ކަމާއި، މުއްސަނދިކަމާއި ފަގީރުކަމާ ހުރި ގުޅުމާއި، ކޮރަޕްޝަނާއި ފަސާދަ އާއި ދަރަނިވެރިކަމާ ކުރިމަތިލާނެ ގޮތާއި މިފަދަ ތަފާތު ކަންތައްތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރާނެއެވެ.
އިންސާނާގެ ދިރިއުޅުމުގައި ފައިސާއަކީ، ހަށިގަނޑަށް ބޭނުންވާ ކާނާ ފަދަ މުހިއްމު އެއްޗެކެއެވެ. ކާނާއާ ނުލައި ކުޑަ ދުވަސްކޮޅަކުވެސް ދިރި ނުހުރެވޭ ފަދައިން ފައިސާއާ ނުލައި މާކަ ގިނަ ދުވަހަކު ރަނގަޅު ދިރިއުޅުމެއްވެސް ނޫޅެވޭނެއެވެ. އެހެން ނަމަވެސް، ފައިސާ ހޯދާނޭ މަގު ނޭނގި އެ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ދިރިއުޅުމުގައި ހަމައެކަނި ހޯދަން ޖެހެނީ ފައިސާއެއް ނޫނެވެ. އެހެން ނަމަވެސް، އުފާވެރި ދިރިއުޅުމަކަށް މަގު ފަހު ކުރުމަށް ފައިސާއަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން، ފައިސާ ހޯދާނޭ ގޮތާއި، ފައިސާ ބޭނުންކުރާނޭ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނޭ މަގެއް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޑރ. އަނާ ބާރޗެޓީ ޑުރިޝް (ޕީއެޗްޑީ) --
ފައިސާއަށް ބޭނުން ޖެހިފައިވާ ފަރާތްތައް ކިތަންމެ ގިނަ ނަމަވެސް، ފައިސާ ލިބޭނޭ ދޮރުތައް އެހާ ގިނައެއް ނޫނެވެ. އެހެންކަމުން ފައިސާ ހޯދުމަށް ކޮންމެ މީހަކުވެސް ވަރަށް ހިކުމަތްތެރިކަމާއެކު، ގަދައަޅައި މަސައްކަތް ކުރާން ޖެހޭނެއެވެ. ފައިސާ ނެތުމަކީ ދިއިރުޅުމުގައި ދިމާވާ، އެންމެ ބޮޑު ގޮންޖެހުން ކަމަށްވާއިރު، ރަފީ ޖަމިއްޔާއިން މިވަނީ، ފައިސާ ހޯދޭނޭގޮތް އޮޅުންފިލުވައިދީ، އެކަމަށް ތައްޔާރުވާނޭ މަގު ތަނަވަސް ކޮށްދިނުމަށް ދޮރެއް ހުޅުވައިފައެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި އޮކްޓޫބަރު 21 ވަނަ ދުވަހުގެ މެންދުރު 12:00އިން ހަވީރު 18:00އަށް ކުރިއަށް ގެންދާ މި ސެމިނާރުގައި ބައިވެރިވުމުގެ ފުރުސަތު ރަފީ ޖަމިއްޔާއިން މިހާރު ވަނީ ހުޅުވާލައިފައެވެ.

ރަފީ ޖަމިއްޔާއިން ދަނީ "މަނީ އެންޑް މީނިންގ އޮފް ލައިފް"ގެ ނަމުގައި ޚާއްސަ ސެމިނާރެއް ބޭއްވުމަށް ތައްޔާރުވަމުން --
"ސެމިނާރ އޮން މަނީ އެންޑް މީނިންގ އޮފް ލައިފް"ގައި ބައިވެރިވާން އެދޭ، ރަފީ ޖަމިއްޔާގެ މެންބަރުންނަށް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 500 ރުފިޔާއެވެ. އަދި އެޖަމިއްޔާގެ މެންބަރުން ނޫން ފަރާތްތަކުން 700 ރުފިޔާގެ ފީއެއް ދައްކަައިގެން މި އަގުހުރި ސެމިނާގައި ބައިވެރި ވެވޭނެއެވެ.
ރަފީ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ހަމަ ކޮންމެ ފަރާތަކަށްވެސް ހުޅުވިފައި ވެއެވެ. އެގޮތުން މިރެޖިސްޓްރޭޝަން ލިންކަށްކްލިކް ކޮށްލުމުން ރެޖިސްޓްރީ ވުމުގެ ފުރުސަތު ލިބޭނެއެވެ.
ރަފީ ޖަމިއްޔާއިން ބުނީ، "މަނީ އެންޑް މީނިންގ އޮފް ލައިފް" ސެމިނާރގައި ބައިވެރިވުމަށް ހުޅުވާލެވިފައި ވަނީ ލިމިޓެޑް ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން ފުރުސަތުގެ ބޭނުން ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 9997239 ނަންބަރު ފޯނަށް ގުޅުއްވައިގެން، ނުވަތަ،އޮންލައިންކޮށްވެސް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
ސެމިނާގައި އަލިއަޅުވާލާނެ މައުލޫތައް:
- ފައިސާއާއި އޭގެ ދައުރު - ހާލަތު، ރައްކާތެރިކަން، ކާމިޔާބު
- ދަރަނިވެރިކަމާއި ހައިހޫނުކަމުން މިންޖުވާނޭ ގޮތްތައް
- ދަހިވެތިކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަމަލުކުރާނޭ ގޮތްތައް
- ފައިސާއާއި ވަގުތުގެ މަފްހޫމް
- ހައިހޫނުކަމާއި ފޯރުންތެރިކަމުގެ ގުޅުން
- ހިތްހެޔޮކަން
- އަޅާލުމާއި އެހީތެރިވުން
- ތެދުވެރިކަމާއި އިހްސާންތެރިކަމުގެ މަފްހޫމްތައް
- އުފާވެރިކަމަކީ ކޮންއެއްޗެއްކަން
- ހަގީގީ ފިލާވަޅުތައް - ދިރިއުޅުމުގެ އަސްލު މަގުސަދު ހޯދުން.
"ސެމިނާރ އޮން މަނީ އެންޑް މީނިންގ އޮފް ލައިފް"ގެ ގޯލްޑް ޕާޓްނަރަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑެއެވެ. ހޮޓެލް ޕާޓްނަރަކަށް ސޮމަރސެޓް ހަމަޖައްސާފައި ވާއިރު، ބެވަރެޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.