އަންނަ ހަފުތާގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕަލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ އަންނަ ހަފުތާގައި ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް މިވަގުތު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

"އަންނަ ހަފްތާގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ފޮނުވާނެ ކަމަށް ބެލެވެނީ. މިހާރު އަޅުގަނޑުމެނަށް ލިބިފަ ކަމަށް މި ބެލެވެނީ އޮންނާނީ. އަންނަ ހަފުތާގައި އެޖެންޑާ ކުރުމަށް މަސަތްކަތް ކުރަމުން އަޅުގަނޑުމެން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ އަންނަ ހަފްތާގައި އެޖެންޑާ ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިޔާޒު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖުލައި މަހު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ބަޖެޓް ހުށަނޭޅީ ކީއްވެ ކަމެއް ވެސް ރިޔާޒު ވިދާޅެއް ނުވެއެވެ.

"ސްޕްލިމެންޓްރީ ބަޖެޓެއް އަންނަ ކަމުގައި ވަނީ ނަމަ ހަމަ އެ ބަޖެޓާ އެކު އެކީގައި 2018 ވަނަ އަހަރުގެ ބަޖެޓް ވެސް އައުމުގެ މަގުމަތީގައި އުޅޭނީ. އެހެންވީމަ މަޖީލީހަށް ބަޖެޓް އަންނަ ހިސާބުން ފެށިގެން އެ މަސަތްކަތް ކުރަމުން ދަނީ އޮންނަ އުސޫލުގެ ތެރެއިން،" ރިޔާޒު ވިދާޅުވި އެވެ.