18 Oct 2017, 12:30
ގއ. ވިލިނގިލީގައި ފުލުހަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވީ ފުލުހުންގެ ކޮންސްޓަބަލް ކ. ކާށިދޫ، މުހައްމަދު ހަނީފު، 32 އެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ސަން" އަށް ވިދާޅުވީ އެ ފުލުސް މީހާ އަކީ އެރަށު މީހަކާ ކައިވެނިކޮށްގެން އުޅޭ އެހެން ރަށެއްގެ މީހެއް ކަމަށެވެ.
އޭނާ މަރުވީ އާއިލާއާ އެކު މޫދަށްގޮސް އުޅެނިކޮށް ކަމަށް ފުއާދު ވިދާޅުވި އެވެ.
"މަރުވެފައި އޮއްވައި ފެނުނީ އޮއިގަދަވެ އެ ފުލުސް މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް،" ފުއާދު ވިދާޅުވި އެވެ.
ވިލިނގިލީ ކައިރީ އޮންނަ ފަޅު ރަށަކަށް މޫދަށް ގޮސް އުޅެނިކޮށް ފުލުސް މީހާ އާއި އޭނާގެ އަންހެނުން ވަނީ އޮޔާގޮސްފަ އެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފުލުސް މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގއ. ވިލިނގިލީ ކައިރި އޮންނަ ފަޅު ރަށެއް ކަމަށްވާ ރާވަށްރެހާ: އެރަށް ދަތުރު ދިޔަ ފުލުހަކު ވަނީ ގެނބިގެން މަރުވެފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް
ފުލުސް މީހާ މަރުވި ނަމަވެސް އޭނާގެ އަންހެނުން ވަނީ ސަލާމަތްވެފަ އެވެ.
ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުލުސް މީހާ މަރުވެފައިވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 11:25 ހާއިރު ކަމަށެވެ.
މީގެކުރިން ވެސް އެ ސަރަހައްދުގައި ހިނގި ހާދިސާތަކުގައި ވަނީ މީހުން މަރުވެފައެވެ.