01 Aug 2011, 15:38
ރ. އަތޮޅުގައި ގާއިމުކޮށްފައިވާ ސަރުކާރު ފެރީ ނިޒާމު މެދުވެރިކޮށް އަލިފުށިން އުނގޫފާރަށް، އަދި އެބިތުގެ ރަށްތަކަށް ދަތުރުކުރުމަށް އަލިފުށީ އަތިރިމައްޗަށް ހޮނިހިރު ދުވަހު ނުކުތް އެންމެންނަށް ޖާގަ ނުލިބިގެން ފެރީ ފުރިޔަނުދީ އެ ރަށު ބަޔަކު އެ ދުވަހު ހިފައްހަށްޓައިފި އެވެ.
ފެރީގެ ކަންތައްބެލެހެއްޓުމާ އަލިފުށިން ހަވާލުވެ ހުންނަވާ އެޖެންޓް މުޙައްމަދު ހަސަން މިއަދު ވިދާޅުވީ ރ. އަތޮޅު އުތުރު ބިތުގައި ދުއްވާ ފެރީ ބަޔަކު ހުއްޓުވީ ފެރީން ދަތުރު ކުރުމަށް އެ ރަށު އަތިރިމައްޗަށް ނުކުތް އެންމެނަށް ފެރީން ޖާގަ ނުލިބުމުން ކަމަށާއި 70 ފަސިންޖަރުން އުފުލުމުގެ ހުއްދަ އޮންނަ ފެރީން ފުރުމަށް އެ ދުވަހު 100 އަށް ވުރެ ގިނަ މީހުން އަލިފުށީ އަތިރިމައްޗަށް ނުކުތް ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ އެބިތުގެ ހުރިހާ ރަށަކަށް ޖައްސަން ޖެހޭ ފެރީއެއް ކަމަށް ވުމުން އަލިފުށިން އެ ދުވަހު ނެގޭނީ 20 މީހުން ކަމަށް އެ މީހުން ކައިރީގައި ބުނުމުން ފުރަން ގޮސް ތިބި މީހުންނާއި ފެރީގެ މުވައްޒަފުންނާ ދެމެދު ހިޔާލު ތަފާތުވެ އެ ދުވަހުގެ ފެރީ ދަތުރު ހުއްޓާލަން ޖެހުނު ކަމަށެވެ.
"އާއްމުކޮށް ހޮނިހިރު ދުވަހަކީ ވަރަށް ބާރު ބޮޑު ދުވަހެއް. ސްކޫލް ބަންދު ދުވަހަކަށް ވާތީ ސްކޫލު ކުދިންނާއި ބެލެނިވެރިން ވެސް ވަރަށް ގިނަ ރަށްރަށަށް ދާން ބޭނުންވާ ދުވަހެއް ހޮނިހިރު ދުވަހަކީ. މީހުން ގިނަ ދުވަހެއްވިއްޔާ ރަށުން އެހެން ދޯންޏެއް ވެސް ކުއްޔަށް ނަގައިގެން ދަތުރު ކުރަމުން މިދަނީ. މިދިޔަ ހޮނިހިރު ދުވަހު ރަށުން ވެސް ދޯންޏެއް ނުލިބުމުން އެ މައްސަލަ ދިމާވީ،" މުޙައްމަދު ހަސަން ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ފެރީ ހުއްޓާލަން ޖެހުނުކަން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުއްރަހްމާނު ވެސް ވަނީ ސަންއަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަލިފުއްޓާއި އުނގޫފާރާ ދެމެދު ދަތުރުކުރާ ފެރީގެ ދަތުރު އަލިފުށިން ހުއްޓާލުމުން އަނގޮޅެތީމާއި ވާދޫ، ރަސްގެތީމުގެ އިތުރުން ހުޅުދުއްފާރުގެ ވަރަށް ގިނަ ބަޔަކަށް ދަތިތަކާނ ކުރިމަތިވި ކަމަށް އެ ރަށްތަކުން މައުލޫމާތު ލިބިފައިވެ އެވެ.
"ފެރީ ފުރިޔަ ނުދީ ހިފެހެއްޓީ ފުރަން ގޮސް ތިބި އެންމެން ފެރީއަށް އަރަން ހުއްދަ ނުދިނީމަ. އެކަކު ވެސް ބޭނުވެއް ނުވޭ ފެރީން ފައިބާކަށް. ކޮންމެ މީހަކު ވެސް ބޭނުންވާނެދޯ އެމީހަކު ދާން ބޭނުންވާ ރަށަކަށް ދާން. ކޮންމެ މީހަކު ވެސް އުނގޫފާރަށް ދާން ކޮންމެހެން ބޭނުން ވަނީ، އަތޮޅު ހޮސްޕިޓަލް އެތާ ހުންނާތީ. ގާތްގަނޑަކަށް 100 އަށް ވުރެ ގިނަވާނެ ފުރަން ގޮސް ތިބި މީހުން. އެ ފެރީން ދަތުރުކުރަން ހުއްދަ އޮނަނަނީ 60 މީހުންނަށް. ބޮޑު ފެރީއެއް ގެންނަ ވާހަކަ ވެސް ދައްކާތާ މިހާރު ކިތަންމެ ދުވަހެއް. އެ ފެރީއެއް އަންނަ ތަނެއް ނުފެނޭ. މިދޭތެރެއަކުން އަޑުއިވުން ކ. ހުރާގައި ދުއްވާ ފެރީއެއް މިކޮޅަށް ގެންނަ ވާހަކަ ވެސް. އެކަމަކު ފަހުން އެކަން ވެސް އޮބިއްޖެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އަލިފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އަނގޮޅެތީމުން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ ވަރަށް ގިނަ ބަޔަކަށް ވެސް ފެރީ ދަތުރު ނުކުރާ ދުވަސްތަކުގައި ދަތިތަކާ ދިމާވާ ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު ވެސް ގިނަ ބަޔަކު ފެރީގެ އިންތިޒާރުގައި ތިބުމަށް ފަހު އެނބުރި ގެއަށް ދިޔައީ ވަރަށް ރުޅިގަދަވެގެން ކަމަށެވެ.
"ފެރީން ދަތުރުކުރަން ވަރަށް ގިނަ މީހުން މިރަށުން ވެސް ތިބި އަތިރިމައްޗަށް ނުކުމެ. ފެރީ އަދޭތޯ ވަރަށް ގިނައިރު ތިބިފަހުން އެނގުނީ އަލިފުށިން ފެރީ ހިފެހެއްޓިކަން. ވަރަށް ދަތިވި އެ ދުވަހު ހޮސްޕިޓަލަށް ދާން ތިބި މީހުންނަން ވެސް. އަތިރިމައްޗަށް ނުކުމެ ތިބި މީހުން ގެއަށް ދިޔައީ ވަރަށް ރުޅިގަދަވެގެން." އަނގޮޅެތީމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކޮންމެ ހޮނިހިރު ދުވަހަކީ ވެސް ގިނަ އަތޮޅުތަކުގެ ފެރީތަކަށް އެއްމެ ބާރު ބޮޑުވާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަހެއް ކަމަށް އެ އަތޮޅުގެ މީހުން ބުންޏެވެ. އެގޮތުން ރ. އަތޮޅު ފެރީތަކަށް ބާރުބޮޑު ވަނީ ގިނަ ބަޔަކު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމާއި ވިޔަފާރި ކުރުމަށް އަތޮޅުގެ އެހެން ރައްރަށަށް ދިއުމަށް އެއްމެ ފަސޭހަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް އެ އަތޮޅުގެ ބައެއްމީހުން ބުންޏެވެ.
"މިދިޔަ ހޮނިހިރު ދުވަހު މިރަށުން ވެސް ވިއްސަކަށް މީހުން ތިބި ފެރީގެ އިންތިޒާރުގައި އެކިރަށް ރަށަށްދާން ޖެޓީއަށް ނުކުމެ. ފެރީ ކެންސަލްވީމަ ވަރަށް ދަތިވި އެ ދުވަހު. އަޅުގަނޑު ވެސް ދިޔައީ އުނގޫފާރަށް ދާން އެކަމަކު ފެރީ ކެންސަލްވީމަ ދެން ކީއްކުރާނީ ދޯ. ދެވޭ ގޮތެއްނުވި." ރ. ވާދޫ ރޯޝަނީ އަޙްމަދު ދާއޫދު ބުންޏެވެ.