މިދިޔަ އާދިއްތަ ދުވަހު ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ފުން ނުކުރެވި ނެރު ބަންދުވެ އުޅަދުތަކަށް ވަދެ ނިކުތުން ހުއްޓުމަކަށް އައިސްފި އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު 'ސަން' އަށް ވިދާޅުވީ އެމްޓީސީސީގެ ފަރާތުން އެ ރަށުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ ބަރުކޮށްގެން ދިޔަ ބާޖު ނެރުމައްޗަށް އެރީ މިދިޔަ އާދިއްތަ ދުވަހު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށާއި އަދިވެސް ފުން ނުކުރެވޭ ކަމަށެވެ.

ރަޝީދު ވިދާޅުވީ އޮޑި ދޯނިިތައް ވަދެނިކުމުގައި ހުއްޓުމަކަށް އައިސްފައިވުމުން ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މި ރަށަށް ކާޑު ގެންނަން އޮންނަނީ އެންމެ ބޯޓެއް. ނަމަވެސް ނެރު ބަންދުވެފައި އޮތުމުން އެ ބޯޓް މާލެ ނުދެވި ވަނީ ތާށި ވެފައި. މިހާރު ބަލަމުން މިދަނީ ރަށުގައި ކާޑު ހުރި ވަރު،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ބާޖު ފުންކުރުމުގެ މަސަތްކަތް ބޯޓުގެ ފަޅުވެރިންނާއި އެ ރަށުގައި ތިބި އެމްޓީސީސީގެ މީހުން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ވެސް މިކަން ރިޕޯޓްކޮށްފައި. ނަމަވެސް އެއްވެސް ފަރާތަކުން އަދި ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ބާޖު ފުންކުރުމުގައި އިތުރު ސާމާނާއި އެހީތެރިކަން ބޭނުންވާތީވެ އެމްޓީސީސީގައި ވެސް އެދިފައިވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.