މިިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ގިނައިން ނިންމައިފައިވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި، ނާޖާއިޒު ފައިދާ ހޯދުމުގެ 158އަށް މައްސަލައެއް ނިންމައިފައިވާ ކަމަށެވެ. މިދިޔަ އަހަރު ހަމަ އެ މުއްދަތުގެ ތެރޭގައި އޭސީސީން ވަނީ ހަމަ އެފަދަ 83 މައްސަލައެއް ބަލައިފައެވެ.

އޭސީސީން ބުނީ މިއަހަރު ދެވަނައަށް އެންމެ ގިނައިން ނިންމައިފައިވަނީ ގަވައިދާ ހިލާފުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފުވުމުގެ 50 މައްސަލައެއް އޭސީސީން ވަނީ ނިންމައިފައެވެ. އޭސީސީން މިއަހަރު ތިންވަނައަށް އެންމެ ގިނައިން ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތައް ނިންމައިފައިވާއިރު އެފަދަ 43 މައްސަލައެއް ބަލައިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 9 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 3 މައްސަލައަކާއި އަދި ރިޝްވަތުގެ 7 މައްސަލައެއް ވެސް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ނިންމައިފައިވާ ކަމަށްވެސް އެކޮމިޝަނުން ބުންޏެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އޭސީސީން ނިންމި މައްސަލަތަކުގެ އަދަދު 265 އަށް އަރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ނިންމި މައްސަލަތަކާ ގުޅިގެން 64 އިދާރާއަކަށް އިސްލާހު ކުރުމަށް ޓަކައި 82 އެންގުމެއް އަންގާފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.