އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމު 'ވީރޭ ދީ ވެޑިންގ'ގެ ދެ ބަތަލާ އިން ކަމުގައިވާ ކަރީނާ ކަޕޫރު ޚާން އާއި ސޯނަމް ކަޕޫރާ ދެމެދު މައްސަލަ ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިލްމުގެ ޓީމުން ދޮގުކޮށްފި އެވެ.

ކަރީނާ އާއި ސޯނަމް އާދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނީ ޕިންކްވިލާ ނޫހުންނެވެ. އެ ނޫހުން ބުނެފައި ވަނީ ފައިސާގެ ދަތިކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން ނުފެށި ލަސްވި އިރު، ކަރީނާ ބަނޑުބޮޑުވުމުގެ ސަބަބުން ފިލްމުގެ މަސައްކަތަށް ހުރަސް އެޅުނު ކަމަށެވެ.

"މިހާރު ފިލްމުގެ ޝޫޓިން ފެށިފައި ވީނަމަވެސް، ފިލްމުގެ ލީޑު ބަތަލާ އާއި ފިލްމުގެ އިތުރު އެކްޓަރަކާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް މައުލޫމާތު ލިބޭ. މައްސަލަ ޖެހިފައިވަނީ ފިލްމު ޕްރޮޑިއުސް ކުރާ ފަރާތުގެ އާއިލާ މެމްބަރަކާ،" ޕިންކްވިލާ ނޫހުގައިވެ އެވެ.

ނަން ހާމަކޮށްފައި ނުވި ނަމަވެސް، ފިލްމުގެ ލީޑަކީ ކަރީނާ އެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރަނީ ސޯނަމްގެ ދައްތަ ރިއާ ކަޕޫރު އަދި އެކްތާ ކަޕޫރު އެވެ. އެހެންކަމުން ނޫހުން ރިޕޯޓުކޮށްފައި ވަނީ ކަރީނާ އާއި ސޯނަމްގެ ވާހަކަ ކަން އެނގެ އެވެ.

އެ ވާހަކަތައް ދޮގުކޮށް ފިލްމުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދޮގު ވާހަކަތަކެއް ދައްކައިގެން އަންހެނުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ނަމަވެސް އެއީ ތެދު ވާހަކަތަކަކަށް ނުވާނެ ކަމަށެވެ.

އަދި އަންހެނުންނަކީ މައްސަލަ ނުޖެހި އެކުގައި މަސައްކަތް ކުރެވޭނެ ބައެއް ކަމަށާއި އެކުވެރިންގެ ގޮތުގައި ތިބެ މޮޅު ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޝަޝާންކާ ގޯޝް ޑައިރެކްޓު ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.