01 Aug 2011, 14:42
ރޯދަ މަހާ އެކު ބާޒާރުމަތި ކާބޯތަކެތީން ތިޔާގިވެ ކަރާގެ އަގު ބާޒާރުގައި ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.
ރޯދަވީއްލާ ގަޑީގައި ދިވެހިންގެ ސުފުރާ މަތި ފަޅުފިލުވާލަދޭ ކަރާގެ އެކި ވައްތަރުތައް ގިނަ އަދަދަކަށް ބާޒާރުގައި އެބަހުއްޓެވެ. އެންމެ ގިނަ އަދަދަކަށް ބާޒާރުގައި މިއަދު ހުރީ ވެސް ކަރަލެވެ. ކަރާ ތިޔާގިވެ ބާޒާރުގައި ކަރަލުގެ އަގު ވަނީ ކިލޯއެއް އަށް ރުފިޔާ އަށް ވެއްޓިފަ އެވެ. އަދި އެންމެ އަގުބޮޑުކޮށް ވެސް ކަރާ ކިލޯއެއް ހުރީ 10 ރުފިޔާ އަށެވެ. މިދިޔަ އަހަރު ވެސް ކަރާ ކިލޯއެއް މުޅި ރޯދަ މަހު ވެސް ވިއްކީ އެވްރެޖްކޮށް 10 ރުފިޔާ އަށެވެ.
ކަރާ ހެއްދުމުގައި ނަން މަޝްހޫރު ތޮއްޑޫގެ ދަނޑުވެރިއެއްކަމައްވާ އަލީ އިބްރާހިމް ]އިބްރާހިމްބެ[ މިއަދު ބުނީ ކަރާގެ އަގު ދަށަށް ދިޔައީ ބާޒާރުގައި ކަރާ ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ. އިބްރާހިމްބެ އެހެން ބުނިއިރު ވެސް ބައެއް އޮޑިފަހަރުތަކުން ކަރާ ބާލާ މަންޒަރުފެނެ އެވެ. ރޯދަ މަހުގެ ފަހުކޮޅުގައި ވެސް ކަރާގެ އަގު ދަށަށް ދާނެ ކަމަށް ވެސް އިބްރާހިމްބެ ބުންޏެވެ.
"އަޅުގަނޑުމެންގެ ދަނޑުތައް ވަރަށް ތިޔާގި. އެހެން ވީމާ ކަރާ ވަރަށް ގިނައިން މި އުޅެނީ. އަދި ]ރޯދަ މަހުގެ[ ފަހުކޮޅުގައި މި އަގު މާބޮޑަށް ދަށަށްދާނެ،" އިބްރާހިމްބެ ބުންޏެވެ.
ތޮއްޑޫގެ ދަޑުވެރިއެއް ކަމަށްވާ އިސްމާއިލް މުހަންމަދުގެ ހިޔާލު ކޮންމެ ވެސް ވަރަކަށް ތަފާތެވެ. ކަރާގެ އަގު ދެތިން ދުވަހު ދަށުގައި ހުއްޓަސް ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ ކިލޯއެއްގެ އަގު 10 ރުފިޔާ އަށް ވުރެ ވެސް މައްޗަށް އުފުލޭނެ ކަމަށް އިސްމާއިލް ބުންޏެވެ. ސަބަބެއް ކަމަށް އޭނާ ބުނަނީ "ދަޑުތަކަށް ގުރުޑުވާ ވައްތަރުގެ ބައްޔެއް އެބައުޅޭ. އެހެންވީމާ ދަޑުތައް ވަރަށް ބޮޑަށް ހަލާކުވަމުން އަންނަނީ،" އަގުތައް އުފުލޭނެ ސަބަބު އޭނާ ސިފަ ކުރި އެވެ.
ތޮއްޑޫ ކައުންސިލުން ވެސް ބުނީ މިދުވަސްވަރު ދަނޑުތަކުގައި ގުރުޑު ފާޑެއްގެ ބައްޔެއް އުޅޭ ކަމަށާއި އެބައްޔަށް ފަރުވާއެއް ހޯދުމަށް ބޭސްތައް ބޭނުންކުރާ ކަމަށެވެ.
ތޮއްޑޫގައި އަންނަނީ 172 ދަނޑެއްގައި ކަރާ ހައްދަމުންނެވެ. އޭގެ ތެރެއިން ކޮންމެ ދަނޑަކުން 500 ކަރާ ނެރެވޭނެ ކަމަށް ތޮއްދޫގެ ދަޑުވެރިންލަފާކުރެ އެވެ. ތޮއްޑޫގެ ކައުންސިލުން ބުނީ 172 ދަނޑުން 86000 ކަރާ ބާޒާރަށް ނެރޭނެ ކަމަށެވެ. ތޮއްޑޫގެ ދަނޑުވެރިންގެ އިތުރުން މާލެ އަތޮޅާއި ލ. އަދި އައްޑޫން ވެސް އަންނަނީ ބާޒާރަށް ކަރާ ގެންނަމުންނެވެ.