ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ގައުމުން ބޭރުގައި ހަތް ލަނޑު ޖެހި އިރު މެންޗެސްޓާ ސިޓީން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ލިވަޕޫލުން ރޭ ގައުމުން ބޭރުގައި ސްލޮވޭނިއާގެ މަރިބޯ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 0-7ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ ތިން މެޗުން ފަސް ޕޮއިންޓު ލިބި ގްރޫޕު 'އީ'ގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ސްޕާޓަކް މޮސްކޯއަށް ވެސް ލިބެނީ ތިން މެޗުން ފަސް ޕޮއިންޓެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައިލިވަޕޫލް އާއި މަރިބޯ ބައްދަލު ކުރި މެޗުގެ ތެރެއިން--

މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮބާޓޯ ފަރމީނޯ އެވެ. ލިވަޕޫލުގެ ދެވަނަ ލަނޑު މެޗު 14 ވަނަ މިނެޓުގައި ފިލިޕް ކުޓީނިއޯ ކާމިޔާބު ކޮށްދިން އިރު، އޭގެ ހަ މިނެޓު ފަހުން ތިން ވަނަ ލަނޑު ޖަހައި ދިނީ މުހައްމަދު ސަލާހު އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ލިވަޕޫލުގެ ފަސް ވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ފަރމީނޯއެވެ. އެ ޓީމުގެ ހަ ވަނަ ލަނޑު އޮކްސްލޭޑް ޗެމްބަލެއިން ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު ޖަހައި ދިނީ ޑިފެންޑަރު އަލެކްޒެންޑާ އާނޮލްޑްއެވެ.

ގްރޫޕް 'އެފް'ގައި ހިމެނޭ މެންޗެސްޓަ ސިޓީ ވެސް ވަނީ އަމިއްލަ ދަނޑުގައި ކުޅެ އިޓަލީގެ ނަޕޯލީގެ މައްޗަށް ކުރި ހޯދައިފައެވެ. ރޭ ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ސިޓީ އިން މެޗު ފެށީ ވަރަށް ވެސް ރަނގަޅަށެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ޒުވާން ފޯވާޑް ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ގެބްރިއެލް ޖީސަސް ވަނީ އިތުރު ލަނޑެއް ޖަހައި ސިޓީގެ ލީޑު ފުޅާ ކޮށްދީފައެވެ. މެޗަށް އެނބުރި އައުމަށް ނަޕޯލީއަށް ލިބުނު ޕެނަލްޓީ ޑްރީސް މާޓެންސް އަށް ކާމިޔާބު ނުކުރެވި ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ނަޕޯލީއަށް ލިބުނު އެހެން ޕެނަލްޓީއެއް އަމަޑޫ ޑިއަވާރާ ވަނީ ކާމިޔާބު ކޮށް ސިޓީއަށް ޕެރެޝަރު ކޮށްފައެވެ.

މި މޮޅާއެކު ސިޓީ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕުގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިގެންނެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ޝަހްތަރު ޑޮނެޓްސްކު އޮތް އިރު ނަޕޯލީ އޮތީ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ.