18 Oct 2017, 08:59
އައްރައްޤާ(އޮކްޓޯބަރ 17): އައިއެސް ޖަމާއަތުން އިރާގުގައި އުފެއްދި ބާތިލް ޚިލާފަތް، އިރާގު ސިފައިން، ބިމާ ހަމަކޮށްލައި އެޖަމާއަތް އިރާގުގައި އިނދަ ޖައްސާލިތާ ފަސްވަރަކަށް މަސްތެރޭގައި ސޫރިޔާގައިވާ އައިއެސްގެ ބާތިލް ޚިލާފަތުގެ ގޮފިވެސް ސޫރިޔާގެ ކުރުދީ ބާރުތަކުން ފުނޑުފުނޑު ކޮށްލައި އެޖަމާއަތުގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދައިފިއެވެ.
ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން އިއްޔެވަނީ ސޫރިޔާގައި އައިއެސްއިން އެޖަމާއަތުގެ ބާތިލް ޚިލާފަތުގެ ވެރިރަށުގެ ގޮތުގައި ހަދާފައިވާ އައްރައްޤާގައި ވަރަށް ބޮޑު ބައްޔަކުން އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް އެމީހުން އިނދަޖައްސާލާފައެވެ.
އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ހަނގުރާމަކުރަމުން ގެންދިޔަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން ރައްޤާއަށް ވަދެފައިވަނީ އެރަށުގައި ފައިހަރުކޮށްލައިގެންތިބި އައިއެސްގެ ހަނގުރާމަވެރިން ބަލިވުމުން އެހެން ގޮތެއް ނެތިގެން އެމީހުން އަމާންދިނުމުންނެވެ. އަމާންދިނީ އަމާންނުދީފިނަމަ އެރަށުގައި ތާށިވެފައިވާ އައިއެސްގެ ހުރިހާ ހަނގުރާމަވެރިން މަރުވަންދެން ހަނގުރާމަ ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު ދިނުމާގުޅިގެންނެވެ.
އެމެރިކާވަނީ އަމާންދިން އައިއެސްގެ ހަނގުރާމަވެރިން ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ކޮންޓްރޯލްގެ ދަށުގައިވާ އެހެން ސަރަހައްދަކަށް ގެންގޮސް އަސީރުންގެ ގޮތުގައި އެމީހުން ހައްޔަރު ކުރުމުގައި އެހީތެރިވެދީފައެވެ. އެސްޑީއެފް ޖަމާއަތުގެ ކޮމާންޑަރުންވެސް ކުރިން ލަފާކޮށްގެންތިބީ އައިއެސްގެ ހަނގުރާމަވެރިންގެ އެންމެ ފަހު މީހާ މަރުވަންދެން އެމީހުން ހަނގުރާމަ ކުރާނެކަމަށެވެ. ނަމަވެސް އައިއެސްގެ ކޮމާންޑަރުންނާއި ހަނގުރާމަވެރިން ނިންމީ ފުރާނަ ސަލާމަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދޭނަމަ އެސްޑީއެފް އަމާން ދިނުމަށެވެ.
އައްރައްގާ އަކީ ސޫރިޔާގެ ބޮޑުބައެއްގައި އައިއެސްއިން ދެތިން އަހަރުގެ މުއްދަތަށް ހިންގި ވެރިކަމުގެ ނިޒާމުގެ ވެރިރަށެވެ. އެޖަމާއަތުގެ މައި އިދާރީ އޮފީސްތަކާއި އަސްކަރީ ކޮމާންޑް ތަކުގެ މައި އިދާރާތަކާއި އެޖަމާއަތުގެ އިސްވެރިން ދިރިއުޅޭ ތަންތަންވެސް ހުންނަނީ އައްރައްޤާ ގައެވެ. އައްރައްޤާ އައިއެސްގެ ވަކިތަކުން މިނިވަންކުރުމުގެ އޮޕަރޭޝަން އެސްޑީއެފުން ފެށީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ހަފްތާގައެވެ. އެރަށުގައިވާ އައިއެސްގެ ބާރުތައް އިނދަޖައްސާލުމަށް އެމެރިކާ ދިނީ ވަރުގަދަ ވައިގެ ހަމަލާތަކެކެވެ. އެހަމަލާތަކުގައި އައިއެސްގެ އަސްކަރީ އިންފްރަސްޓްރަކްޗަރ ވަނީ ފުނޑުފުނޑުވެފައެވެ.
އެމެރިކާގެ ހަމަލާތަކާއެކު އައްރައްގާ އާއި އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ އެހެން ސިޓީތަކާ ގުޅުން ކެނޑުމާއި އެސްޑީއެފުން އައިއެސްގެ ސަޕްލައިގެ މަގުތައް ހިސާރުކުރުން ވެގެންދިޔައީ އައިއެސް ސޫރިޔާގައި އިނދަޖެހުނު މައިގަނޑު ސަބަބު ކަމުގައެވެ. މީގެއިތުރުން އައްރައްޤާގައި ގިނައިންތިބީ ބޭރުގައުމުތަކުން ޖިހާދުގެ ނަމުގައި ސޫރިޔާއަށް އައިސް އައިއެސްއާ ގުޅުނު ހަނގުރާމަވެރިން ކަމަށްވެފައި އެމީހުންގެ ޖޯޝާއި ފޯރި އަދި މަޢްނަވީ ބާރު ގެއްލި މާޔޫސްވެފައި ވުމަކީވެސް އެސްޑީއެފްގެ ކުރިމަތީގައި އައިއެސްއިން އަމާންދިން ސަބަބެއްކަމުގައިވަނީ ބެލެވިފައެވެ.
އައިއެސް ޖަމާއަތް ގަދަފަދަ ޖަމާއަތެއްގެ ގޮތުގައި ފާޅުވަމުން ދިޔައީ ތުރުކީއާއި އެމެރިކާފަދަ ގައުމުތަކުން ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށްޓަކައި އެދެގައުމުން އަސްކަރީ ގޮތުން އައިއެސް އަށް އެހީތެރިވި ދުވަސްވަރުގައެވެ. އެމެރިކާއިން އައިއެސްއަަށް އެހީވި އެއްސަބަބަކީ ހަނގުރާމަ ދިގުދަންމައި ސޫރިޔާ ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށް ބުނެވެއެވެ. ތުރުކީން އައިއެސްއަށް އެހީތެރިވާ ބައްޝާރު ވެރިކަމުން ދުރުކުރުމަށް ގެންގުޅުނު ސިޔާސަތުގެ ދަށުންކަމަށްވެއެވެ. ފަހުން ތުރުކީގައި އައިއެސް އިން ބޮންގޮއްވަން ފެށުމުން ތުރުކީވެސް ވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އެޖަމާއަތުގެ އަމާޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީ އައިއެސްގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައެވެ.
މީގެއިތުރުން އައިއެސް ޖަމާއަތް ވަރުގަދަވީ ގަތަރާއި ސައޫދީ އަކީވެސް އިރާގާއި ސޫރިޔާގައި އެދެގައުމު ޙާސިލް ކުރަންބޭނުންވި ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށްޓަކައި މާލީގޮތުން އައިއެސްއަށް އެހީތެރިވި ކަމަށް ބުނާ ދުވަސްވަރުގައެވެ. ފަހުން ސައޫދީން ގަތަރާ ދެމެދު މައްސަލަ ޖެހުމުން ސައޫދީންވަނީ އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް މާލީގޮތުން އެހީތެރިވާކަމުގެ ތުހުމަތު ގަތަރުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް މިފަދަ ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ފަރާތްތަކުން އެދެގައުމުގެ މައްޗަށްވެސް ކޮށްފައިވެއެވެ. އަނެއްކޮޅުން ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށްޓަކައި ސޫރިޔާ ސިފައިންވެސް އައިއެސްއަށް އެހީތެރިވި ދުވަސްވަރެއް ދިޔައެވެ.
އައިއެސްއަށް އެހީތެރިވާނެ ފަރާތެއް ނެތް ދުވަސްއައުމާއެކު އެޖަމާއަތް މިވަނީ ބޮޑު ބައްޔަކުން ބަލިވެ އިނދަޖެހިފައެވެ. މިހާރު އައިއެސްގެ ވުޖޫދު ސޫރިޔާގައި އޮތީ ދީރުއްޒޫރުގެ އަލްމަޔާދީން އާއި ބޫކަމާލް ގައެވެ. އެދެ ރަށް މިނިވަން ކުރުމުގައި ސޫރިޔާ ސިފައިންވަނީ ބޮޑު ކާމިޔާބީ އެއް ހޯދައިފައެވެ. މިއާއެކު ސޫރިޔާ ސިފައިންވަނީ އެގައުމުގެ ބިމުގެ އަށްޑިހަ އިންސައްތަ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އަދި ސޫރިޔާ ހަނގުރާމައިގައި މިހާރު މިދަނީ އެންމެފަހު ތަޅާލުންގަނޑުކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)