އިރާނަކީ އޮސްކާ އެވޯޑަށް އާ ގައުމެއް ނޫނެވެ. މީގެ ކުރިން ވެސް ބޭރު ބަހަކުން ތައްޔާރު ކޮށްފައިވާ އެންމެ މޮޅު ފިލްމުގެ ކެޓެގަރީން އިރާނުގެ ފިލްމުތައް ނޮމިނޭޓް ވެފައިވާއިރު ދެ ފިލްމެއް ވަނީ އޮސްކާ ހާސިލް ވެސް ކޮށްފައެވެ.

އިރާނުގެ ޑައިރެކްޓަރު އަސްގާރު ފަރުހާދީ ޑައިރެކްޓު ކޮށްފައިވާ "އަ ސެޕަރޭޝަން" އަދި "ޑެތު އޮފް އަ ސޭލްސްމެން" އޮސްކާ ހާސިލްކުރިއިރު އެ ދެ ފިލްމު ވަނީ ދުނިޔޭގެ ގިނަ ފާޑުކިޔުންތެރިންނަށް ވެސް ވަރަށް ކަމުގޮސްފައެވެ.

އިރާނުން މިއަހަރު އޮސްކާއަށް ފުރަތަމަ ފަހަރަށް ވަނީ އެންހެނަކު ޑައިރެކްޓުކޮށްފައިވާ ފިލްމެއް ހުށަހަޅައިފައެވެ.

"ބްރެތް"ގައި ދައްކުވައިދެނީ އިރާނަށް 1979 ވަނަ އަހަރުގައި އިސްލާމީ އިންގިލާބަށްފަހު އިރާގުން އިރާނަށް އަރައިގަތް ދުވަސްވަރު އިރާނުގެ ފަގީރު ކުޑަކުއްޖެއް ކަމަށްވާ ބަހާރުގެ ހިޔާލީ ދުނިޔެއެވެ.

ކުޑަކުޑަ ބަހާރުގެ ބައްޕައަކީ ނޭވާހިއްލުމުގެ ބަލި ތަހައްމަތު ކުރަމުންދާ މީހަކަށް ވާތީވެ ބަހާރު އަބަދުވެސް ދެކެމުން ދިޔައީ "ނޭވާލުމުގެ ނިޒާމު"ގެ ހާއްސަ ޑޮކްޓަރަކަށް ވުމުގެ ފޮނި ހުވަފެންތަކެވެ. ބަހާރުގެ ބައްޕަގެ ބަލި ރަނގަޅުވުމަކީ ބަހާރުގެ އެންމެ ބޮޑު އުއްމީދެވެ. ފިލްމަށް "ބްރެތް" ނުވަތަ "ނޭވާ"ގެ ނަމުން ނަން ދީފައި ވަނީ ވެސް އެހެންވެއެވެ.

ހަނގުރާމައިގެ ސަބަބުން ބަހާރުގެ ދިރިއުޅުން ހަލާކުވެގެންދާއިރު އެ ފިލްމުގައި ވަނީ އިރާނުގެ ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން ގައުމަށް އައި ބަދަލުތަކާ ބެހޭގޮތުން ވެސް އަލިއަޅުވައިލައިފައެވެ. އެގޮތުން އިރާނުގެ ކުރީގެ ވެރިޔާ މުހައްމަދު ރިޒާ ޕެހެލްވީގެ ވެރިކަން ވެއްޓުމާއި އަދި އަރުވާލެއްވިގެން އުޅުނު އިރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ ހޮމައިނީ އަލުން އަނބުރާ ގައުމަށް އައުމަށްފަހު ހިނގި ހާދިސާތައް ފާހަގަކޮށްލެވެ އެވެ.