01 Aug 2011, 13:57
ރަށްރަށުގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުނާއި ޕާޓީގެ މައި އޮފީހާ ގުޅުވައިދިނުމަށް ކަމަށް ބުނެ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް މިއަދު ހުޅުވާފައިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބުނީ މިއަދު މެންދުރު 11:30 އެހާކަންހާއިރު ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހާ ރަށެއްގައި އެ ޕާޓީގެ އިދާރީ އޮފީހެއް ހުޅުވާފައިވާނެ ކަމަށާއި އެ އޮފީސްތަކުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ޕާޓީން ދޭން ޖެހޭ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށެވެ.
އިދާރީ އޮފީސް ރަށްރަށުގައި ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދިނުމުގެ ގޮތުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވީ ޕާޓީގެ އިދާރީ އޮފީސްތައް މިއަދު ރަށްރަށުގައި ގާއިމްކުރެވިގެން ދިޔައީ އެ ޕާޓީން އެއްވެސް ހަރަދެއް ކޮށްގެން ނޫން ކަމަށާއި އެ މަސައްކަތް ކުރެއްވީ ކައުންސިލަރުންނާއި އެމްޑީޕީގެ މެންބަރުންގެ އަމިއްލަ ހަރަދުގައި ކަމަށެވެ.
”މި އޮފީސްތައް މެދުވެރިކޮށް ޑޭ ޓު ޑޭ، ]ދުވަހުން ދުވަހަށް ކުރާ މަސައްކަތް] އޮޕަރޭޝަންގައި. މައި އޮފީހާ ގުޅިގެންދާނެ. މީގެ ކުރިން ވެސް އެމްޑީޕީގެ އޮފީސްތައް ހުރި ވަރަށް ގިނަ ރަށްރަށުގައި. އެހެން ނަމަވެސް ޕާޓީގެ މައި އޮފީހާ އެ އޮފީސްތަކާ ވަރަށް ގުޅުންކުޑަ. ހަމައެކަނި ކެމްޕެއިނެއް އައިމަ ޕާޓީގެ ހަރަކާތްތައް ރަށްރަށުގަ ގިނަ ފަހަރު މިހިނގަނީ. މި ހުޅުވުނު އޮފީސްތަކުގެ ސަބަބުން އެކަން ވަރަށް ބޮޑަށް ރަގަނޅުވެގެންދާނެ،" ވަގުތީ ޗެއާޕާސަން ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި ވަރަށް އަވަހަށް ޕާޓީގެ މެންބާޝިޕް 50000 އަށް އަރާނެ ކަމަށެވެ.
ޖޫން 26، 2005 ގައި ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި އެމްޑީޕީގައި މިހާރު 47301 މެންބަރުން އެބަތި ކަމަށް އިލެކްޝަނުން ބުނެ އެވެ.