20 May 2010, 14:52
19:00
ބުރޫނާއީ ސަރުކާރުން ތ. ބުރުނީގައި އަޅައިދިނުމަށް ބުނެފައިވާ މިސްކިތުގެ ބަދަލުގައި އެރަށުގައި ހުރި ބާ މިސްކިތް އަލުން މަރާމާތު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރަށު އޮފީހުން ބުނުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.
ބުރުނީން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުން މިއަދު މެންދުރު އެރަށު އޮފީސް ދޮށަށް އެއްވީ ބުރޫނާއި ސަރުކާރުން އެ ރަށުގައި އާ މިސްކިތެއް އެޅުމަށް ބަޖެޓް ދިނުމުން ވެސް އެމަސައްކަތް ނުކޮށް އެރަށުގެ ބާ މިސްކިތް މާރާމާތުކުރަން ނިންމުމާ ގުޅިގެން ކަމަށެވެ. އަދި ބުރުނާއީ ސަރުކާރުން އެރަށުގައި މިސްކިތް އެޅުމަށް ދިން ފައިސާ ސަރުކާރުން ޚަރަދު ކުރުމަށް ހަމަޖައްސާފައި ވަނީ އެހެން މިސްކިތަކަށް ޚަރަދުކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.
ބުރުނީން ވާހަކަ ދެއްކި މީހާ އަދި ބުނީ ވޭތުވެދިޔަ ސަރުކާރުން ވެސް އެ ރަށުގައި މިސްކިތެއް އަޅައިދޭން ބުނެފައިވާ ކަމަށާއި އަދި މިސަރުކާރުން ވެސް އެރަށުގައި މިސްކިތެއް އަޅައިދޭން ބުނެފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު މުޒާހަރާ ހުއްޓާލީ ސަރުކާރުން އާ މިސްކިތެއް އަޅައިދޭނެ ކަމަށް އެރަށު އޮފީހުން ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ރަސްމީކޮށް ސަރުކާރުން ޖަވާބެއް އެކަމުގައި ދެއްވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން އާދިއްތަ ދުވަހު ވެސް ރަށު އޮފީސް ދޮށަށް އެއްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ބުރުނީ ކައުންސިލަރު މޫސާ އަބުދުލް ގާދިރު މިއަދު ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ އާ މިސްކިތެއް އަޅައިދިނުމުގެ ބަދަލުގައި އެރަށުގައި ހުރި ބާ މިސްކިތް އާސާރީކަން ނުގެއްލޭ ގޮތަށް އަލުން މާރާމާތުކުރަން ކަމަށެވެ. އެހެން ނަމަވެސް އެކަމާ ރަށުގެ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ނުރުހުން ފާޅުކޮށްފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކޮށްދޭނެ ކަމަށް ބުނުމުން އެމީހުން ރަށު އޮފީސް ސަރަހައްދު ދޫކޮށް މިއަދު ދިޔައީ އާދިއްތަ ދުވަހު އެއްވާނެ ކަމަށް ބުނެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ނެޝެނަލް ޕްލޭނިން ކައުންސިލުން ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމާފައި ވަނީ ރަށުގެ ވެރިންނާ މަޝަވަރާކުރުމަށް ފަހު ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.