ސައުދީ ފަންޑްގެ ލޯން އެހީގެ ދަށުން 1.6 މިލިއަން ޑޮލަރު ]24.67 މިލިއަން ރުފިޔާ[ ހަރަދުކޮށްގެން ގދ. ވާދޫ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްގެން ވާދޫގައި ހަދާ ބަނދަރަކީ 800 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ މިނުގެ ބަނދަރެއް ކަމަށް ރަށު ކައުންސިލުން ބުންޏެވެ. ސީޓްޕައިލްކޮށްގެން ހަދަމުން ގެންދާ އެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓް މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވާދޫ ކައުންސިލުން ބުންޏެވެ.

ވާދޫ ކައުންސިލްގެ ނައިބު ރައީސް މިއަދު ވިދާޅުވީ ސައުދީ ފަންޑުންދޭ ލޯންގެ ދަށުން ހަދާ ބަނދަރުގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 25 ގައި ކަމަށާއި ނަމަވެސް އެ މުއްދަތު ފަސްކުރަން ނިންމީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ބަނދަރުގެ މަސައްކަތް ފެށުމަށް ރަށު ކައުންސިލުން ނިންމުމުން ކަމަށެވެ.

"ކުރިން ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސް ކައިރިއަށް އެއްވި ބަނދަރު ހެދުމުގެ މަސައްކަތް ލަސްވެގެން. ނަމަވެސް އެފަހަރު ރައްޔިތުން ބޭނުންވީ މަސައްކަތް ފެށޭނެ ތާރީހެއް ނޭނގިގެން. އެމްޓީސީސީން ޝެޑިއުލްކޮށްފައި އޮތް ތާރީހުގައި ނުފެށިގެން ވެސް ބައެއް މީހުން ސުވާލުތައް އުފެއްދި،" ވާދޫ ކައުންސިލްގެ ނައިބު ވިދާޅުވި އެވެ.

ވާދޫ ބަނދަރުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށާފައި ވަނީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް ލަސްވަވަމުންދާ ކަމަށް ބުނެ އެ ރަށުގެ ބަޔަކު ރަށު އޮފީސް ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ވާދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.