17 Oct 2017, 13:12
ދިއްލީ (އޮކްޓޯބަރު 17): އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހަލްއަކީ 'ގައުމަށް ގައްދާރުވި ބަޔަކު' ބިނާކޮށްފައިވާ ތަނެއް ކަމަށް ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
އުއްތަރަ ޕްރަދޭޝްގެ މަޖިލިސް މެމްބަރެއް ކަމަށްވާ ސަންގީތް ސޮމް އެފަދައިން ވިދާޅުވީ އެސްޓޭޓުގެ ފަތުރުވެރިކަމާ ބެހޭ ބުކްލެޓެއްގައި ތާޖު މަހަލް ނުހިމެނުމުން، އެކަމަށް ގިނަ ބަޔަކު ފާޑުކީ ފަހުންނެވެ. ސޮމް ވަނީ އެބުކްލެޓުގައިވާ ތާރީހީ ބިނާތަކުގެ ލިސްޓުގައި ތާޖު މަހަލް ނުހިމެނުމުން ގިނަ ބަޔަކު ހިތްހަމަނުޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ސޮމް ވިދާޅުވި ގޮތުގައި އެބިނާގެ ތާރީހު ގުޅިފައި ވަނީ ގިނަ އަދަދެއްގެ ހިންދޫން މެރި، މުސްލިމް މުގަލް އެމްޕެރާ ޝާހް ޖަހަންއާ އެވެ. އެހެންކަމުން ތާޖު މަހަލް އަކީ އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ބިނާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ތާރީހު ކަމަށް ވަންޏާ އެއީ ވަރަށް ދެރަ ކަމެއް. އަދި އަޅުގަނޑުމުން އެތާރީހު ބަދަލު ކުރާނެ ކަމުގެ ޔަގީންކަން ދެން،" ސޮމް ވިދާޅުވި އެވެ.
ސޮމް އެފަދައިން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވި އެވެ. އޭގެ ސަބަބުން އޭނާ ވަނީ ތާޖު މަހަލްއާ މެދު އޭނާގެ ދެކޮޅުވެރިމެއް ނެތް ކަމަށާއި ނަމަވެސް ތާޖު މަހަލް އެޅި މުގަލް ވެރިކަމާއި ތާރީހުގައި އެމީހުންގެ ވާހަކަތައް ލިޔެފައިވާ ގޮތަށް އޭނާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބީޖޭޕީން ވަނީ އެއީ އެ ޕާޓީގެ ވިސްނުން ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށް ބުނެފަ އެވެ. އަދި ތާރީހު ބަދަލު ނުކުރެވޭނެ ކަމަށާއި ނަމަވެސް ތާރީހުގައި ކަންތައް ހިނގި ގޮތް ރަނގަޅަށް ގެނެސްދެވިދާނެ ކަމަށް ބުނެފަ އެވެ.
ސޮމް އަކީ 2013 ވަނަ އުއްތަރަ ޕްރަދޭޝްގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ދައުވާކޮށްފައިވާ މެމްބަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހަމަނުޖެހުންތަކުގައި 62 މީހަކު މަރުވި އެވެ.
ތާޖު މަހަލް އަކީ ޝާހް ޖަހަންގެ އަނބިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގައި އެޅި ލޯބީގެ ބިނާއެކެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މީހުން ޒިޔާރަތް ކުރާ އެބިނާއަކީ ދުނިޔޭގެ ހަތް އަޖައިބުގެ ލިސްޓުގައި ހިމެނޭ ބިނާ އެކެވެ. (އެންޑީޓީވީ)