ޕާޓީ އަކަށް ގޮސް ކެވޭ އެއްޗަކުން، ނޫނީ ނުގުޅޭ އެއްޗެއް ކެވުމާ ގުޅިގެން ނަމަވެސް ބޭރަށްހިންގާނަމަ އެއީ ވަރަށް ބޮޑު ވޭނެކެވެ. އަބަދު ފާޚާނާއަށް ގޮސް އިންނަން ޖެހުމުން އެ އަޅާ ވޭނާއި، ބޭރަށްހިންގާ ބަލި ޖެހުމުން ބަނޑުގައި އަދި ހަށިގަނޑުގައި އަޅާ ވޭނެވެ. ބޮޑުކަމު ދެވޭ މިންވަރު ގިނަވުމުގެ ސަބަބުން ވަރު ދެރަވުމުން ދެން ވާގޮތެވެ.

ބޭރަށްހިންގާ ބަލި ޖެހުމުން އެކަމަށް ފަރުވާ ކުރުމަށް ގޭގައިވެސް ބޭސް ތައްޔާރުކޮށްލެވިދާނެއެވެ. އާންމުކޮށް ގޭގައި ހުންނަ ބާވަތްތައް ބޭނުންކޮށްގެން ދެތިން ވައްތަރެއްގެ ބޭސް ހަދާލެވިދާނެއެވެ.

  • އޯބަތް:ފަހަރުގައި މީގެ ވަހުގެ ސަބަބުން މިއީ އެހާ ކަމުދާ އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ ބަނޑަށް ވަރަށް ރަނަގޅު އެއްޗެކެވެ. އޯބަތްކޮޅެއް ފެނަށް އަޅާފައި ބަހައްޓާށެވެ. ދެތިން ގަޑިއިރު ފަހުން އެ ފެންފޮދު ބޯލާށެވެ. ނަމަވެސް މިއީ ކުޑަކުދިންނަށް ދިނުން ރަނގަޅު އެއްޗެއް ނޫނެވެ.

  • އޮރެންޖް ތޮށި:އޮރެންޖް ތޮށީގައި ސައެއް ތައްޔާރުކޮށްގެން ބުއިމަކީވެސް ބޭރަށް ހިންގުމަށް ގޭގައި ދެވޭނެ ފަރުވާއެކެވެ. މި ސައި ތައްޔާރުކުރުމަށް ފެން ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން އޮރެންޖް ތޮށިތައް ކޮށާލުމަށްފަހު ފެނަށް އަޅާށެވެ. ހިހޫވުމުން މި ސައި ބޯނީ މާމުއި ކޮޅެއް އަޅައިގެންނެވެ.
  • ބްލޫބެރީސް:ބްލޫބެރީގައި ހިމެނޭ އެންޓިބެކްޓީރިއަލް އަދި އެންޓި އޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ބޭރަށް ހިންގުން ފަސޭހަކޮށްދޭނެއެވެ. މީގެ އިތުރުން ޑްރައިޑް ބްލޫބެރީސްގައި ސޫޕް އެއް ތައްޔާރުކޮށްގެންވެސް ބޮވިދާނެއެވެ.
  • ސްޓާޗް އެކުލެވޭ ކާނާ:ބަތް ފަދަ ސްޓާޗްގެ ބައި ގިނައިން އެކުލެވޭ ކާނާ އަކީވެސް ބޭރަށް ހިންގާނަމަ ކެވިދާނެ އެއްޗިއްސެވެ. މީގެ އިތުރުން ކެރެޓް، ރެޑިޝް ފަދަ ތަރުކާރީ ކެއުމުންވެސް ރަނގަޅުވާނެއެވެ.
  • ޔޯގަޓް:ޔޯގަޓްގައި އެކުލެވޭ ލެކްތިކް އެސިޑް އަކީ ބޭރަށް ހިންގާ މީހުންނަށް ރަނގަޅު އެއްޗެކެވެ. ބޭރަށް ހިންގަނަމަ ޔޯގަޓް ކެވިދާނެއެވެ.

ބޭރަށް ހިންގާނަމަ ގިނައި ފެން ބޮއި، ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުން މުހިއްމެވެ. ގިނައިން ސައިފަތް އަޅައިގެން ކަޅުސައިވެސް ބޮވިދާނެއެވެ. ސައި ބޯއިރު ހަކުރު މަދުކުރަން ހަނދާން ކުރަންވާނެއެވެ. މީގެ އިތުރުން މިފަދަ ކަމެއް ދިމާވެގެން އުޅޭއިރު ކެފެއިން އެކުލެވޭ ބުއިންތައް ބުއިމުން ދުރުވާށެވެ.