އާމިރް ޚާން އެކްޓްކޮށް، އޭނާ އާއި އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށްފައިވާ "ސީކްރެޓް ސުޕަސްޓާ" އަކީ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޓިމުން ބުނެފި އެވެ.

އަދާވިތު ޗަންދަން ލިޔެ ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފިލްމް "ސުޕަސްޓާ" އަކީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެއް މަސައްކަތެވެ. ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެ އެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަ އެވެ.

ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެނުމަށް ހަމަޖެހިފައި ވަނީ ފިލްމް 'ދަންގަލް' އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ. ފިލްމުގައި އޭނާ ކުޅޭނީ އިންސިއާ ކިޔާ ކަޝްމީރުގެ ޓީންއޭޖް ކުއްޖެއްގެ ރޯލެވެ. ފިލްމުގެ ކުރިން އާމިރު ވަނީ ޒައިރާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ އަކީ މިހާރު މުޅި ފިލްމީ އިންޑަސްޓްރީގައި ވެސް އެންމެ ކުޅަދާނަ އެންމެ ނަން ވިދާލާ ޒުވާން ބަތަލާ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.

އާމިރު ޚާން ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯ އަދި އާކާޝް ޗައުލާ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.