01 Aug 2011, 12:31
ހަމާ (އޮގަސްޓް 1) : ސޫރިޔާ ރަށެއް ކަމަށްވާ ހަމާ ގައި ސަރުކާރާ ދެކޮޅަށް އިއްޔެ މުޒާހަރާ ކުރި މީހުންގެ ސަފުތައް ރޫޅާލުމަށްޓަކައި ސަރުކާރުން ބާރުގެ ބޭނުން ކުރުމުން 80 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުން ބުނެފި އެވެ.
ބަރަކާތްތެރި ރަމްޟާން މަސް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުން ހަމާ ގެ ރައްޔިތުންނާ ދެކޮޅަށް ހިންގީ ހުރިހާ މާނައެއްގައިވެސް ބިރުވެރި ގަތުލު އާންމެއް ކަމަށް ސޫރިޔާގެ އިދކޮޅު ފަރާތްތަކުން ބުނެ އެވެ. ރޮއިޓާސް ބުނި ގޮތުގައި ހަމާ ގެ ރައްޔިތުން ބަރަކާތްތެރި ރަމަޟާން މަސް ފަށާފައި ވަނީ ހިތާމައިގެ އިތުރުން ކަރުނަ އާއި ލޭގެ ކޯރަކުންނެވެ.
ހަމާ އަކީ 1982 ގައި ސޫރިޔާގެ އޭރުގެ ރައީސް ހާފިޒުލްއަސަދް ގެ ސަރުކާރާ ދެކޮޅަށް ތެދުވި ފަރާތްތަކުގެ ދުވަސް ދުއްވާލުމަށްޓަކައި ސަލާމަތީ ސިފައިން ބަރުހަތިޔާރު ބޭނުންކޮށްގެން ގަތުލު އާންމެއް ހިންގައި އިދިކޮޅު އެތައް ހާސްބަޔަކާއި އޭގެތެރެއިން ބައެއް މީހުންގެ އާއިލާތައްވެސް އެއްކޮށް މަރާލާފައިވާ ރަށެކެވެ. މިފަހަރު ހަމާ ގެ ރައްޔިތުންނާ ދެކޮޅަށް ގަތުލު އާންމު ހިންގާފައި ވަނީ ހާފިޒުލްއަސަދްގެ ދަރިކަލުން ބައްޝާރުލް އަސަދްގެ ސަރުކާރުންނެވެ.
ހަމާ ގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންގެ ދުވަސް ދުއްވާލުމަށްޓަކައި ސަރުކާރުން ބާރުގެ ބޭނުންކޮށްފައިވަނީ ޓޭންކާއި ބޮޑުބަޑި ވެސް ބޭނުންކޮށްގެން ކަމަށާއި މިހާ ވަރުގަދައަށް ބާރުގެ ބޭނުން ކުރީ އެރަށުން އިދިކޮޅު ރޫހު ކަނޑުވާލުމަށްޓަކައި ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ހަމާ ގައި ހިނގަމުން ގެންދާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަމުންދާ ކަމަށް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިޔާ އިން ބުނެ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ކަންކޮޅު ތަކުގައި ރައްޔިތުން އިހުތިޖާޖް ކުރަމުން ގެންދާތާ މިހާރު ވަނީ 3 މަސް ދުވަސްވެފަ އެވެ. އެ އިހުތިޖާޖްތައް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ސޫރިޔާގައި ދެހާހެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.