މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް ހިންގުމުގެ ފައިދާ ގޮތުގައި 132 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ވަނަ ކުއާޓަރުގައި ބޭންކް ހިންގުމުގައި ފާހަގަކުރަނިވި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. އެގޮތުން ފައިދާގެ މިންވަރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާ ބަލާ އިރު، ފާހަގަކުރެވެނިވި މިންވަރަކަށް އިތުރުވެފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ފައިދާގެ ގޮތުގައި 97،383،861 ރުފިޔާ ލިބިފައިވާ އިރު ދެ ވަނަ ތިން މަސް ދުވަހު، 36 ޕަސެންޓް އިތުރުވެ، އެ އަދަދު 132،201،055 ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުންޏެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބޭންކަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 60،311،985 ރުފިޔާ އެވެ. ދެ ވަނަ ތިން ވަނަ މަހު 79،872،266ރ. އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެމްއެމްއޭ އިން އެކަށައަޅާފައިވާ ޕްރޮވިޝަންގެ މިގަނޑުތަކަށް ވާސިލުވުމަށް ޓަކައި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބޭންކަށް ޖުމްލަކޮށް ލިބުނު ދައިދާ، އުފެއްދުންތެރިނޫން ލޯނުތަކަށް ހެދޭ ޕްރޮވިޝަންގެ ގޮތުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ބޭންކުގެ ނޫސްބަޔާނުގައިވާ ގޮތުން ބޭންކް ހިންގުމުގައި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޕްރޮވިޝަން ހެދުމުގައި އެކަށީގެންވާ ކުރިއެރުތަކެއް ވަނީ ހޯދައިފަ އެވެ.

ބޭންކުން ބުނީ އެބޭންކުން ހިންގަމުން އަންނަ ވިޔަފާރި ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާނެ ގޮތުގެ މަޝްރޫއެއް އެކުލަވާލަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޭންކްގެ އޮނިގަނޑަށް ބަދަލުގެނެސް، ކަސްޓަމަރުންނަށާއި ހިދުމަތްދޭ ބަހާތަކަށް ވަކިވަކިން އިސްކަންދެވޭނެ ކަމަށެވެ. އަދި "މިބަދަލާ އެކު، ހިދުމަތުގެ ފެންވަރަށާއި ކަސްޓަމަރުންނަށް އަމާޒުވެގެންވާ ގޮތަށް ވިޔަފާރީގެ މިންގަނޑުތައް ބަދަލުކުރެވޭނެ،" ބޭންކް ނޫސްބަޔާނުގައިވެ އެވެ.