އިނގުރަކީ ކާއެއްޗެހީގެ ރަހަ ހެޔޮވަރުކުރަން ބޭނުން ކުރާ އެއްޗެއްގެ އިތުރުން ރޯގާ ޖެހުން ފަދަ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ގޭގައި ބޭނުން ކުރާއެއްޗެކެވެ. މި ކަންތަކުގެ އިތުރުން ވެސް އިނގުރަކީ ޒީނަތްތެރިވުމަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. ގަވައިދުން އިނގުރު ބޭނުން ކުރާ ނަމަ މޫނުގައި ރޫޖެހުން ދުރުކޮށްދީ ހަންގަނޑު އޮމާންވާނެ އެވެ.

ކޮންމެ ދުވަހަކު އިނގުރު ސައި ބޯނަމަ ހަންގަނޑު ޒުވާންކަން މަތީ ދަމަހައްޓައިދޭނެ އެވެ. މޫނުގައި ބިހި ޖެހުމުން ދުރުކުރުމަށް ވެސް އިނގުރު ބޭނުން ކުރެވޭނެ އެވެ. ހަންގަނޑު ހިކުމުގެ ސަބަބުން މޫނުގަައި ބިހި ނަގާ ކަންތައްވާ ނަމަ، އިނގުރު ސައި ފޮދެއްގެ ތެރެއަށް ކަފަ ކޮޅެއް ލުމަށް ފަހު އެ ކަފަކޮޅު މޫނުގައި އުނގުޅާށެވެ. ސެންސެޓިވް ސްކިން ހުންނަ މީހުންނަށް ވެސް މި ބޭނުން ކުރެވޭނެ އެވެ.

އިނގުރު ފޮއްޗެއް ނަގައިގެން މޫނުގައި އުނގުޅާށެވެ. އޭގެ ސަބަބުން މޫނުގައި ލޭ ދައުރުވުން ރަނގަޅުކޮށްދީ ހަންގަނޑު އަލިކޮށްދޭނެ އެވެ.

ހަންގަނޑުގައި ފޮޅު ނަގާފައި ހުންނަ ކުދި ކުދި ތަންކޮޅުތައް ފަސޭހަ ކުރުމަށް ވެސް އިނގުރު ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުރުން ސަން ބާން ވެފައި ހުންނަ ހަންގަނޑުތަކަށް ވެސް އިނގުރު ފެން ރަނގަޅުވާނެ އެވެ. އިނގުރު ފެން ޖޯޑެއް އައިސްއަލަމާރި އަށް ލުމަށް ފަހު އިރުކޮޅަކު ބަހައްޓައި، ހަންގަނޑުގައި އުނގުޅާނީ އެވެ. މިގޮތަށް އުނގުޅުމަށް ކަފަ ކޮޅެއް ބޭނުން ކުރާށެވެ.

މީގެ އިތުރުން ކުޑަކޮށް ތާފަނާ އިނގުރު ފެން ބޭނުންކޮށްގެން ބޯ މަސާޖުކޮށްލުމުން ބޮލަށް އަރާމު ލިބި އިސްތަށިގަނޑަށް ވެސް އޭގެ އަސަރު ކުރާނެ އެވެ. މި ގޮތަށް ކަން ކުރުމަށް ފަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ރީތިކޮށް ދޮވެލާނީ އެވެ. އިނގުރުގައި ހުންނަ އެންޓި މައިކްރޮބައިލް ޕްރޮޕަޓީސްގެ ސަބަބުން ބޮލުގައި ހުންނަ ޑޭންޑްރަފް ތައް ދުއްވާލާނެ އެވެ.