16 Oct 2017, 17:14
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެއްވެސް ޤައިދީއަކަށް ނުވަތަ ބަންދު މީހަކަށް ވަކި ފަރުވާއެއް ދިނުމަށް މަޖުބޫރެއް ނުކުރާ ކަމަށާއި ބޭސްފަރުވާގެ ކަންކަން ހަމަޖައްސަނީ ގައިދީން އަމިއްލައަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
އެ ސާވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޖަލުގައި ބަންދުކުރެވިފައިވާ މީހަކު ޑޮކްޓަރަށް ދައްކާނީ އެ މީހަކު އެކަމަށް އެދުމުންނެވެ. އަދި ޑޮކްޓަރާ މުއާމަލާތު ކުރާނީ ވެސް އެ މީހަކު އަމިއްލައަށް ކަމަށެވެ. އަދި ބުނެފައިވަނީ ވަކި ބޭހެއް ދިނުމަށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް ކަރެކްޝަންސް އިން ނާންގާ ކަމަށެވެ.
ކަރެކްޝަންސް އިން އެހެން ބުނެފައިވާއިރު 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާއިން ވަނީ އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ކަރެކްޝަންސް އިން އަމަލު ކުރަމުންދާ ގޮތާމެދު ހިތް ހަމަ ނުޖެހުން ފާޅުކޮށް ބަޔާޏެއް ނެރެފައެވެ. އެގޮތުން އަދީބަށް ގޮތް ނޭނގޭ އިންޖެކްޝަނެއް ދޭން އުޅޭ ކަމަށް ވަނީ ބުނެފައެވެ.
އެކަމަށް ރިޔާއަތްކޮށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ގައިދީއެއްްގެ ގަޔަށް ވަކިބާވަތެއްގެ އިންޖެކްޝަނެއް ޖެހުމަށް އަދި ވަކި ބާވަތެއްގެ ސްކޭންއެއް ހެދުމަކަށް ޑޮކްޓަރަށް ނާންގާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ފަރުވާއާ ގުޅޭ ހުރިހާ ކަމެއް ނިންމާނީ ޑޮކްޓަރު ނުވަތަ ގައިދީ އަމިއްލައަށް ކަމަށެވެ.
އަދި ބުނެފައި ވަނީ ޑޮކްޓަރަށް ދައްކަން ޖެހޭ ގައިދީ ދައްކާނީ ކޮން ޑޮކްޓަރަކަށްކަން ނިންމާނީ ގައިދީ ދައްކާ ހޮސްޕިޓަލުން ކަމަށާއި އެއްވެސް ޙާލެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަކި ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ ނުދެއްކުމަށް ނުނިންމާނެ ކަމަށެވެ.
"ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގެ އުސޫލު އޮންނަ ގޮތުން ބައެއްކަހަލަ ޞިއްޙީ ފަރުވާތަކަކީ ބަލިމީހާގެ ޢާއިލާގެ ބަހެއް [ކޮންސެންޓް] ހޯދައިގެން ދޭ ފަރުވާތަކެއް. އެފަދަ ޙާލަތުގައި ޢާއިލާއިން އެކަމަށް އިންކާރުކުރާނަމަ އެ ފަރުވާއެއް އެތަނަކުން ނުދޭނެ. އަދި އެމްސީއެސްއިން ވެސް އެކަމަކަށް އެ ޢާއިލާއަށް މަޖުބޫރެއް ނުކުރާނެ،" ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ބައެއް ގައިދީންގެ ބޭސް ފަރުވާގެ މައުލޫމާތު ގައިދީންގެ އާއިލާއަށް ހިއްސާ ނުކުރާ ކަަމަށް ދެކެވޭ ވާހަކައާ ގުޅުގެން ކަރެކްޝަންސް އިން ބުނެފައިވަނީ ޖަލުގައި ބަންދުކޮށްފައިވާ މީހުން ޑޮކްޓަރަށް ދައްކާގޮތުގެ ލިޔުންތަކަކީ ޢާއިލާއިން ބޭނުންވެއްޖެ ހިނދެއްގައި (ޖަލުގައި ބަންދުކުރެވިފައިވާ މީހާގެ އިޒުނައާއެކު) އެ އާއިލާއަކަށް ލިބެން ހުންނާނެ އެއްޗެއްކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޢާއިލާއަށް ނުދީ ހިފަހައްޓާފައި ނުވާނެ ކަމަށެވެ.
ކަރެކްޝަންސް ގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް އަބަދުވެސް ފޯރުކޮށްދެމުން ގެންދާ ކަމަށާއި އެކަމަށް ހުރަސް އަޅާފައި ނުވާ ކަމަށެވެ. އަދި އެ ސާވިސްއާ ގުޅުވައިގެން އެފަދަ ދޮގު ވާހަކަ ދައްކާނަމަ ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ގައިދީންގެ ބޭސްފަރުވާއާ ގުޅުވައިގެން ކަރެކްޝަންސް އިން ބަޔާނެއް އާންމުކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އެ ސާވިސް އިން ގައިދީންގެ އެކިއެކި ކަންކަމުގައި ފަރުވާ ކުޑަކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.