މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން މަޝްހޫރު ކަށީގެ ޑރ. ޔޫސުފް ޝާންގެ ފޭސްބުކް ޕޭޖުގައި މާމަމެންގެ ސިއްހަތާ ބެހޭ ގޮތުން ޕޯސްޓެއް ކުރި އެވެ. ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި އެ ޕޯސްޓުގައި ޑރ. ޝާން މާމެނާ ކޮށްފައި ވަނީ ސުވާލެކެވެ. އިހުތިޔާރީ ދެ ޖަވާބެއް ދިނުމަށް ފަހު ލިޔުއްވާފައި ވަނީ ގުދާރު ބިނދެންދެން މާމަ ކުދިން ބަލާނީތޯ ނުވަތަ އެހެން މީހުންނަށް ބުރައަކަށް ނުވެ ދިރިއުޅޭނީތޯ އެވެ. ހަގީގަތުގައި މިއީ ހުރިހާ އެންމެން ވެސް ވިސްނާލަންވީ މުހިންމު ނުކުތާ އެކެވެ.

އުމުރުން ދުވަސްވާ ވަރަކަށް ހަރަކާތްތެރިވެ އުޅުމާއި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރުމާއި ގެތެރޭގެ ހުރިހާ ކަމެއް އެ މީހެއް ލައްވާ ކުރުވުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ. މާމަދަރިން ބަލަން މާމައާ ހަވާލު ކުރާ ބައެއް މީހުންގެ ބަސްމަގު ވެސް ހުންނަނީ އެހެންނެވެ.

"އުމުރުން ދުވަސްވީމާ އަބަދު އޮށޯވެ އޮތުމަށް ވުރެ، ކުދިންގެ ކަންކަން ކޮށްލާ އުޅުނީމާ ހަށިގަނޑަށް ވެސް ރަނގަޅުވާނެ ދޯ. އޮތީމަ ހައްތާ ބަލި ބޮޑުވާނީ އެއްނު،" މީހަކު ފެސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ހަގީގަތުގައި "ހެލިފެލިވެ އުޅުން" ގިނަ މީހުންނަށް މާނަ ކުރެވެނީ ނުބައިކޮށްކަން އެބަ ވިސްނާލަން ޖެހެ އެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކުރުމާއި ދަރިން ބެލުމާއި ބަރު އެއްޗިހި އުފުލުން އެއީ އުމުރުން ދުވަސްވީ މީހުން ހެލިފެލިވެ އުޅެން ޖެހޭ މިންވަރު ނޫންކަން ވިސްނުނެވެ. މި މައުލޫއާ ބެހޭ ގޮތުން މަޝްހޫރު ކަށީގެ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން ވަނީ 'ސަން' އާ ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.

މާމަ އަކު ގޮވައިގެން ކުދީންތަކެއް ހިނގާފައި ދަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

"އެއް ޖެނެރޭޝަނެއްގެ ހުރިހާ ކަމެއް ބަލަހައްޓާފައި އަނެއްކާ އެހެން ޖެނެރޭޝަނެއް ބޮޑު ކުރަން ވީމަ އެ ނުވާނެ ސިއްހީ ގޮތުން ރަނގަޅު ކަމަކަށް. ރަނގަޅު، ހަރަކާތްތެރިވެ އުޅުމަކީ އުމުރުން ދުވަސްވީމަ ކުރަން ޖެހޭ ކަމެއް. އެކަމަކު އެ އުމުރުގައި ހެލިފެލިވެ އުޅެންވާނީ އަމިއްލަ ހަށިގަނޑަށް ބަލައިގެން ކެއުމާއި ކަސްރަތުގެ ތެރެއިން،" ޑރ. ޝާން ވިދާޅުވި އެވެ.

އަމިއްލަ ކެއުމަށް ބޭނުންވާ ސިއްހަތަށް ރަނގަޅު ކާނާ އަމިއްލަޔަށް ތައްޔާރު ކޮށްލުމަކީ މައްސަލައެއް ނޫން ކަމަށް ޝާން ވިދާޅުވި އެވެ. އަދި ކަސްރަތުގެ ގޮތުން ވަކި ގަޑިތަކެއްގައި ބޭރަށް ނުކުމެ ހިނގާލުމާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލުން ފަދަ، ސިކުނޑިއަށް ފިނި ހަށިގަނޑަށް ލުއި ހަރަކާތްތަކުން މާމަމެންގެ ދުވަހުގެ ޝެޑިއުލް ބައްޓަން ކުރުމަށް ޝާން އިލްތިމާސް ކުރެއްވި އެވެ.

މާމަދަރިން ބަލާ ބައެއް މީހުންނަށް ބޮޑެތި ސިއްހީ މައްސަލަތަކެއް

ކުދިން ބަލާ މާމަ މެންނަށް ދިމާވާ ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން ޑރ ޔޫސުފް ޝާން ސަންއަށް އިންޓަވިއު ދެއްވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ކުއްޖާ ބަލާނަމަ މާމައަކު ދުވަހުގެ ހަތަރު ދަމުވެސް އެކަމުގައި ވަގުތު ހޭދަކުރަން ޖެހިދާނެ އެވެ. ފެންވެރުވުމުގަ އެވެ. ކާންދިނުމާއި ނިންދެވުމުގަ އެވެ. ބޮޑާހާކާ ނަމަ އެކަމެއް ކޮށްދިނުމުގަ އެވެ. އެ ހުރިހާ ކަމަކާ ޝާމިލުވެ އުޅެން ހަދައިގެން އަމިއްލަ ސިއްހަތަށް ވިސްނާލާނެ ވަގުތެއް މާމެނަށް ގިނަ ފަހަރަށް ނޯވެ އެވެ.

ޑިއުޓީއެއް ގޮތުގައި މި ޖެހެނީ ވަކި ކަމެއް ވަކި ގަޑިއަކަށް ކުރާށެވެ. ޑރ. ޝާން ވިދާޅުވީ އެކަމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމަށެވެ. އުނަގަނޑުގައި ރިއްސުމާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ކަން ކަން ކުރިމަތިވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ޝާން ފާހަގަކުރެއްވި އެވެ.

އެފަދަ މައްސަލަތަކެއް، ޑރ. ޝާނަށް ދައްކާފައިވާ ބައެއް ބަލިމީހުންގެ ކިބައިން ވެސް ފާހަގަކުރެއްވިފައި ވާތީ އެކަން ހާއްސަކޮށް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދެނީ އިންސްޓްރަކްޝަންތަކެއް ޕޭޝެންޓުންނަށް. މިސާލަކަށް މިވެނި ގޮތަކަށް ކަސްރަތު ކުރުމަށާއި ކެއުން މިވެނި ގޮތަކަށް ބެލެހެއްޓުމާއި. އެކަމަކު ދެތިން މަސް ފަހުން އަނބުރާ ދައްކާލަން ވަޑައިގަންވާއިރު މި ހުންނަނީ ހަމަ ސޭމް ސްޓޭޓްގައި. އިރުޝާދުދޭ ކަންތައްތައް ކުރެވިފައެއް ނޯވޭ. ސުވާލުކޮށްލާއިރު އެ ޕޭޝެންޓުންނަކީ އަނެއްކާ އިތުރު ޖީލެއްގެ ޒިންމާ ނަގައިގެން އުޅޭ ބޭފުޅުން،" ޑރ. ޝާން 'ސަން' އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ަވަކިން ބޮޑަށް ޑިޕްރެޝަންގެ މައްސަލަ މާމަމެނަށް ކުރިމަތިވެފައިވާ ކަން ޑރ. ޝާން ފާހަގަކުރެއްވި އެވެ. އެއީ ބައެއް ފަހަރު ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެކުއްޖަކާ މެދު އަމަލު ކުރަންވީ ގޮތް ކިޔައިދީ އިރުޝާދު ދީފައި ވަނިކޮށް އެނޫން ގޮތަކަށް އޮޅުމަކުން ނަމަވެސް އަމަލު ކުރެވިގެން ބާރަށް އެއްޗެހި ބުނުމައި ދެރަވާ ގޮތަށް ވާހަކަ ދެއްކުމުން ޑިޕްރެޝަންގެ މައްސަލަތަކާ ކުރިމަތިވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

އުމުރުން ދުވަސްވީ ބަޔަކު ރަށެއްގެ އަތިރިމަތީގައި: ދުވަސްވުމުން އަބަދު ގޭގައި އިނުމުގެ ބަދަލުގައި ބޭރަށް ނުކުމެ ރައްެހިންނާއެކު ވަގުތު ހޭދަ ކުރުން ރަނގަޅު ކަމަށް ޑރ ޝާން ވިދާޅުވި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ހަގީގަތުގައި އުމުރުން ދުވަސް ވުމުން، އިތުރު ކުއްޖެއްގެ ޒިންމާ އެމީހެއްގެ މަންމަ ނުވަތަ މައިދައިތަގެ ބޮލަށް ޖެހުމަކީ ރަނގަޅު ގޮތެއް ވެސް ނޫނެވެ. ގިނަ މީހުންގެ ވާހަކަތަކުން އެނގެނީ އެމީހުން ކުލި ދައްކަން ނޫނީ ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަން ވަޒީފައަށް ދާން ޖެހޭތީ ކުއްޖާގެ މާމައާ ހަވާލު ކުރަނީ ކަމަށެވެ.

"އެހެން ހަވާލު ކުރާއިރު ވެސް އޮފީހަށް ދާއިރު ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްފައި އަދި ބްރޭކަށް އައިސް ކާންދީ ހަދާ ބެލެނިވެރިން ވެސް އެބަތިބޭ. އެކަމަކު ހަމަ ފާހަގަކޮށްލަން ބައެއް މީހުން އޮފީސް ނިމިގެން ކޮފީތަކަށް ގޮސް ދުވާލުގެ ހަތަރު ދަމު ބޭރުގައި ހޭދަކުރާ އިރު ކުއްޖާ ބަލަން އިންނަ މަންމައާ ދޭތެރޭ ވިސްނާ ނުލާކަން،" ޑރ. ޝާން ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ކުދިންނާ އެކު ވަގުތު ހޭދަ ކުރާ މާމަ އަދި ކާފަމެންގެ މެންޓަލް ހެލްތު ވަރުގަދަވެ ދިރިއުޅުން އުފާވެރި އެވެ. ނަމަވެސް ވަގުތު ހޭދަ ކުރުމާއި ދުވާލު ހަތަރުދަމު ކުއްޖާ ބެލުމާއި ބޮޑު ފަރަގެއް ހުރިކަން ވިސްނާލަން އެބަޖެހެ އެވެ.

"މިސާލަކަށް ކުއްޖާ ގޮވައިގެން ހަވީރު ހިނގާލަން ދިއުމާއި ކުއްޖާ ސުކޫލަށް ލާން ދިއުމާ ވަރަށް ތަފާތު. ސުކޫލަށް ލާން ދާއިރު އެތައް ކަމަކާ މާމަ އެބަ ވިސްނަން ޖެހޭ. ބާރު ބޮޑު ޓްރެފިކް ގަޑީގައި މަގުމަތީ ހިނގާފައި ދިއުމާއި. ކުއްޖާއަށް ސަމާލުވުމާއި ގަޑި ނުޖެހި ދިއުމާ،" ޝާން ވިދާޅުވި އެވެ.

މާމަމެން މި ވިސްނަން ޖެހެނީ އެ މީހުންގެ އުމުރާ ނުބައްދަލު ކިތައް ކަންތަކާކަން މާމަމެންނާ އެ ޒިންމާ ހަވާލު ކުރާ މީހުން އެބަ ވިސްނާލަން ޖެހެ އެވެ. އެ މީހުންގެ ސިއްހަތަށް ބަލައިގެން އުޅޭނެ ވަގުތު އެ މީހުންނަށް ދޭން ވެސް އެބަޖެހެ އެވެ. އަޅާލުމާއި ލޯބި ވެސް އެބަ ދޭން ޖެހެ އެވެ.

ބައިނަލްއަގުވާމީ ދިރާސާތަކަށް ބަލާލުމެއް

އުމުރުން ދުވަސްވީ މީހަކު ކޮޓަރިއެއް ތެރޭގައި ---

ޑޮކްޓަރުންގެ ވާހަކަތައް ބާއްވާފައި ބައިނަލް އަގުވާމީ ދިރަސާތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. މާމަ ދަރިން ބެލުމަކީ ކިހާވަރެއްގެ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމެއްކަން ދިރާސާތަކުން ވެސް ވަނީ ކިޔައިދީފަ އެވެ. އެމެރިކާގެ ނިއުޔޯކުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އިސްކޮށް ހުންނަވައިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުން ކުދިން ބަލަން މާމަމެންނާ ހަވާލު ކުރުމަކީ އެކުދިންގެ ސިއްހަތަށް ވެސް ގެލުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

ޖުމްލަ 636 މާމަ އަދި ކާފައާ ސުވާލުކޮށް ހަދާފައިވާ އެ ދިރާސާގައި ބުނެފައި ވަނީ ކުދިންނަށް ސިއްހީ ގޮތުން ދޭން ޖެހޭ ބައެއް ފަރުވާ އާ މާމަމެން ދޭ ފަރުވާއާ ތަފާތުވުމުގެ ސަބަބުން ބޮޑެތި ސިއްހީ މައްސަލަތަކެއް ކުދިންނަށް ކުރިމަތިވާ ކަމަށެވެ.

އަދި 774 މާމަ އަދި ކާފައާ ސުވާލުކޮށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން 25 ޕަސެންޓް މާމަމެން، ކުދިންނަށް ބޭނުންވާ ޒަރޫރީ ބައެއް ބޭނުންތައް ފުއްދައިދޭނެ ސިއްހީ ގާބިލު ކަމެއް އެ މީހުންގެ ނުހުރެ އެވެ. އަދި ބައެއް މާމަމެންނާ ސުވާލުކޮށްލުމުން ދިރާސާގައި ހާމަ ވެފައި ވަނީ މާމަދަރިން ބަލާ 70 ޕަސެންޓް މީހުންނަކީ ބޭރަށް ނުކުމެ ރައްޓެހިންނާ ބައްދަލުކޮށްލާނެ ވަގުތު ނުލިބޭ މީހުން ކަމެވެ. އޭގެ އިތުރުން 40 ޕަސްނެޓް މީހުންނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަގީގަތުގައި ދަރިފުޅު ބަލައިދޭށޭ މަންމަ ނުވަތަ މައިދައިތަ ކައިރީ ބުނީމާ ނޫނެކޭ ނުބުނާނެ އެވެ. އެކަން ކޮށްދޭނީ ވެސް އުފަލުން ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު ވިސްނާލަން ޖެހެނީ ކުދިން އެ މީހުންނާ ހަވާލުކުރާ އިރު އެއީ ބުރަކަމެއް ކަމެވެ. ސިއްހަތަށް ގެއްލުންވާނެ ކަމެއް ކަމެވެ. އެމީހުންނަށް ވެސް ސިއްހީ ގޮތުން އަމިއްލަ ހަށިގަނޑަށް ބަލައިގެން ދިރިއުޅުމުގެ ފުރުސަތު ބޭނުންވާ ކަމެވެ.