އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ވުމުގައި އެންމެ އިސްދައުރެއް އަދާކުރި ލިއޮނަލް މެސީ އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭ ކަން އޭނާގެ އަންހެނުން ހާމަ ކޮށްފިއެވެ.

ގިނަ ބަޔަކު މިހާރު ޝައުގުވެރިވެފައި ވަނީ މެސީގެ އަންހެނުން އެންޓޮނެއްލާ އާއްމުކުރި ފޮޓޯ އަށެވެ. މި ފޮޓޯއިން ފެންނަނީ މެސީ އާއި އޭނާގެ ދެ ދަރިން އެންޓޮނެއްލާގެ ބަނޑުގައި އަތްޖައްސައިގެން ތިބި މަންޒަރެވެ. މާނައަކީ މެސީގެ ކުޑަކުޑަ އައިލާ އަށް ތިން ވަނަ މެމްބަރަކު އަންނަން ތައްޔާރުވެއްޖެކަމުގެ ޚަބަރެވެ.

މި ހަބަރާއެކު މެސީ ވަނީ އިންސްޓަގްރާމުގައި ދެ ދަރިންނާއެކު ފޮޓޯ އެއް އާންމު ކޮށްފައެވެ. އެ ފޮޓޯ އަށް އެއްގަޑިއިރު ތެރޭގައި ވަނީ އެއްމިލިއަން ލައިކް ލިބިފައެވެ.

މި އުފާވެރި ސަބަބަށްޓަކައި ނިމިދިޔަ ހަފުތާއަކީ މެސީ އަށް އުފާފާގަތި ހަފުތާއެކެވެ. އޭނާ އަށް މިހާތަނަސް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. މިހެންވެ މެސީ މިހާރު އިންތިޒާރު ކުރަމުންދަނީ އަންހެން ދަރިއަކަށެވެ. އެކަމަކު އަންހެނުން ބަލިވެ އިން ހަބަރުގެ ތަފްސީލު މެސީގެ އާއިލާއިން އަދި ވަނީ ސިއްރުކޮށްފައެވެ.