ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓް (ފޭސް) ޖަމިއްޔާ އާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރ ގުޅިގެން ގދ. ފިޔޯރީގައި ކުރިޔަށް ގެންދިޔަ ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ލެވެލް އެކެއް އަދި ދޭއްގެ ކޯސް ނިމި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި މި ކޯސް، 42 ބައިވެރިއަކު ފުރިހަމަ ކޮށްފައިވެއެވެ. އެއީ 40 އަންހެން ބައިވެރިންނާއި ދެ ފިރިހެން ބައިވެރިންނެވެ.

ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހިންގި މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ ޓޮޕްސީގެ މުދައްރިސެކެވެ. މިކޯހުގައި، ހެދުން ފެހުމަށްޓަކައި މިންޖެހުމާއި ކަނޑަން ދަސްކޮށްދިނުމުގެ އިތުރުން ކުޑަކުދިންގެ ހެދުމާއި، ގަމީހާއި ފަޓުލޫނު އަދި އަންހެނުންގެ ހެދުން ފަހަން ދަސްކޮށްދެވުނެވެ.

ކޯހުގެ ސަބަބުން ވަރަށް ގިނަ މަޢުލޫމާތާއި ތަޖުރިބާ ލިބި، ކޯހާމެދު ބައިވެރިންތިބީ ހިތްހަމަޖެހިފައިކަމަށް އެ ޖަމްއިއްޔާއިން މަޢުލޫމާތު ދެއެވެ. އެހެންކަމުން އެއީ ވަރަށް ކާމިޔާބު ކޯހެއްކަމަށް ފޭސްއިން ބުނެއެވެ.