ގާހިރާ (އޮގަސްޓް 1): މަގާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ހުސްނީ މުބާރަކް ގެ މައްޗަށް ހިންގާ ޝަރީއަތް އޮންނާނީ ގާހިރާގައި ހުންނަ ފުލުހުންގެ އެކަޑަމީގައި ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު 600 އެއްހާ މީހުންނަށް ދެވޭނެ ކަމަށް މިސްރުގެ ޝަރުއީ ދާއިރާއިން ބުނެފި އެވެ.

މުބާރަކާއި އޭނާގެ ދެދަރިކަލުންގެ މައްޗަށް ޝަރީއަތް ކުރާ މިސްރުގެ ކޯޓުގެ އިސް ގާޒީ ވިދާޅުވީ މުބާރަކާ އެކު އޭނާގެ ދެ ދަރިކަލުން ކަމަށްވާ ޖަމާލް މުބާރަކާއި އަލާ މުބާރަކްގެ މައްޗަށާއި އެ އާއިލާ މެދުވެރިކޮށް ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތުކުރެވޭ ވިޔަފާރިވެރިއެއް ކަމަށްވާ ހުސައިން ސާލިމްގެ މައްޗަށް ވެސް ފުލުހުންގެ އެކަޑަމީގައި ޝަރީއަތް ހިންގޭނެ ކަމުގަ އެވެ.

މިސްރުގެ ނޫސް އެޖެންސީ ބުނި ގޮތުގައި މިމަހުގެ 3 ވަނަ ދުވަހު ޝަރީއަތުގެ މަޖިލީހަށް މުބާރަކް ހާޒިރު ކުރުމަށްޓަކައި މިސްރުގެ ބަންޑާރަ ނައިބު އަބްދުލް މަޖީދު މަހުމޫދު ދެއްވާ ހިތޯބެއް މިސްރުގެ ދާހިލީ ވަޒީރު އެ ދުވަހު އިއްވާނެ އެވެ.

ޝާ މުއްޝައިހުގެ ހޮސްޕިޓަލެއްގައި އޮންނެވި މުބާރަކް ގާހިރާ އަށް ގެނައުމަށްޓަކައި މިސްރުގެ ސިއްހަތާ ބެހޭ ވަޒީރު އަމްރު ހިލްމީ އާއި ވިލަރެސް ކުރެވެމުންދާ ކަމަށް މިސްރުގެ ވަޒީރުންގެ މަޖިލީހުގެ ތަރްޖަމާން މުހައްމަދު ހިޖާޒީ ވިދާޅުވި އެވެ.

މުބާރަކްގެ މައްޗަށް ކުރެވިފައިވާ މައިގަނޑު ތުހުމަތަކީ އޭނާގެ ވެރިކަމާ ދެކޮޅަށް ސުލްހަވެރިކަމާ އެކު ނުކުތް ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވުމެވެ. މުބާރަކްގެ އަމުރަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 400 އެއްހާ މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނާއިރު މިތުހުމަތު ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމެއް މުބާރަކްގެ މައްޗަށް އަންނާނެ ކަމަށް ގާނޫނީ ފަރާތްތަކުންބުނެ އެވެ.

މުބާރަކްގެ ޝަރީއަތް ހާމަގޮތެއްގައި ކުރާގޮތަށް ހަމަޖެއްސީ ސިއްރުކޮށް ބާއްވާ ޝަރީއަތުގެ މަޖިލީހަށް މުބާރަކް ހާޒިރުވެ ވަޑައިނުގަތުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ+ރޮއިޓާސް)