16 Oct 2017, 13:36
މަޝްހޫރު ޓީވީ ސިލްސިލާ ގޭމް އޮފް ތްރޯންސްގައި ހަރަކާތްތެރިވާ ރީތި ބަތަލާ ސޯފީ ޓާނާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނާސްއާ ކައިވެނި ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
ދެހާސް ސޯޅައިން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެ ދެތަރިން ކައިވެނި ކުރާކަން ހާމަކޮށްފައި ވަނީ ޓާނާ އޭނާގެ އިންސްތަގްރާމުގައި ކުރި ޕޯސްޓެއްގަ އެވެ.
"އަހަރެން އާނ ބަސް ބުނެފިން" ގޭމް އޮފް ތްރޯންސްގައި "ސަންސާ"ގެ ބައި އަދާކުރާ ބަތަލާ ޓާނާ އޭނާގެ އިންސްތަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
ޖޯ ޖޯނާސްގެ ބޭބޭ ނިކް ޖޯނާސް ވެސް ވަނީ އެ ދެމީހުންނަށް ތަހުނިޔާ ކިޔައި ޓުވިޓާގައި ޕޯސްޓު ކޮށްފަ އެވެ.
Ahh! Congratulations to my brother... and sister in law to be on your engagement. I love you both so much.@joejonas@SophieTpic.twitter.com/H3ZS3v38xW
— Nick Jonas (@nickjonas)October 15, 2017
"އަހަރެންގެ ބޭބެއަށާއި ވާން އުޅޭ ފަހަރި އަށް ވަރަށް ބޮޑަށް މަރުހަބާ. ތި ދެމީހުން ދެކެ އަހަރެން ވަރަށް ލޯބިވޭ،" ނިކް ޖޯނާސް ބުންޏެވެ.
ތިން ބެއިން ކަމަށްވާ ނިކް ޖޯނާސް، ޖޯ ޖޯނާސް އަދި ކެވިން ޖޯނާސް އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ ޑިޒްނީ ޗެނަލްގައި އެ މީހުންގެ ހަރަކާތްތަކުންނެވެ. އެއަށް ފަހު ތިން ބެއިން ވަނީ އެކުގައި ބޭންޑެއް ހަދައި ލަވަކިޔައިފަ އެވެ. ނަމަވެސް ފަހުން އެ ބޭންޑު ވަނީ ރޫޅިފަ އެވެ.