"އެނުއަލް ކޮންފަރެންސް އޮފް އިންޓަނޭޝަނަލް ބޯޑް އޮފް ފަތުވާ ކައުންސިލިންގް"ގައި ބައިވެރިވުމަށް އިސްލާމީ ފަތުވާދޭ މަތީ މަޖުލީހުގެ ވަފުދެއް މިސްރަށް ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިޞްރުގެ ވެރިރަށް ގާހިރާގައި މި މަހުގެ 17 އިން 19 އަށްކުރިއަށްގެންދާ އެ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމާއި އެ މަޖިލީހުގެ މެންބަރު އިސްހާގު މުޙައްމަދުފުޅާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރިޒާ ކަމަށެވެ. މިއީ ބައިނަލަގްވާމީ ފެންވަރުގައި އެ ކޮންފަރެންސް ބާއްވާ ތިން ވަނަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ކޮންފަރެންސްގައި އިސްލާމީ ފިގުހުގެ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ގައުމުތަކުން ކަމާގުޅުން ހުރި ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރުގެ ގޮތުގައިި ކަނޑައަޅާފައި ވަނީ "ސްޓެބިލިޓީ، ޑިވެލޮޕްމަންޓް، ޕްރޮސްޕެރިޓީ" ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދުގެ މުޖުތަމަޢުގައި ދިމާވާ ދީނީ އިޞްތިލާޙީ މައްސަލަތަކާއި ދީނީ ގޮތުން ހުންނަ ހަރުކަށި ވިސްނުންތައް ދިރާސާކޮށް މި ކަންކަން ޙައްލު ކުރުމުގައި ފަތުވާގެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެ ކޮންފަރެންސްގައި ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދި އޭގެ އިތުރުން ޒަމާނާ ގުޅޭ ގޮތުން ފަތުވާ ނެރުމާއި މީޑިއާ އަދި ސައިބާ ސްޕޭސްގައި ފަތުވާތަކާ ގުޅޭ ގޮތުން ދައުރުވާ ނުރަނގަޅު މަޢުލޫމާތުތައް ނައްތާލާނެ ނިޒާމެއް ގާއިމް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.