ރޯދަމަހުގެ ފަތިސް ނަމާދު ބަންގިއާ ހމައިން އިރު އަރަައި ހެނދުނު ނުވައެއް ޖަހަންދެން މާލެ އޮންނަނީ ގާތްގަނޑަކަށް "ނިދާފަ" އެވެ. ދެން އޮންނަނީ އިރު އޮއްސޭ ވަގުތެވެ. އެވަގުތު އޮންނާނީ ކެއުމުގެ ތެރޭގަ އެވެ. ފިހާރަތަކާއި ގޭގެ އާއި މުދައު ބަލެހެއްޓުން ހަވާލުވެފައި އޮންނަނީ މާލެ ތެރޭގައި ފޯރިމަރާ ފުލުހުންނަށެވެ. އެހެންވިޔަސް ރޯދަމަހުގެ އެ ދަންފަޅިތައް ވެގެންދަނީ މާލޭގެ "ވެރިކަން" ވަގުންގެ އަތްމައްޗަށް ދާ ދަންފަޅިތަކަކަށެވެ.

"މިދިޔަ ރޯދަ މަހުގެ އެއްރޭ ފަތިސްނަމާދުން އެނބުރި އައިސް ފިހާރައަކާ ހަމަވިތަނާ އެތާ ތިބި ފުލުހުންގެ ދެ ކުއްޖަކު ބުނިއަޑު އިވުނު ތިޔަ ބިއްލޫރިތަކަށް ނަރާށޭ! ބަލައިލިއިރު ފިހާރައިގެ މޫނުމަތީގައި ހުރި ބިއްލޫރި ތައްހުރީ ޕޭވްމަންޓް މަތީގަ. ޖެހިގެން އައި ރޭ ޢީދުމިސްކިތުގައި ހުއްޓާ އިވުނީ ބިއްލޫރިތަކެއް ފުނޑު ވި އަޑު، ނިމިގެން ބަލައިލި އިރު ލެމަންގްރާސް ކުރިމަތީ ހުންނަ ފިހާރައިގެ ބިއްލޫރިތަށް ހުރީ ބިންމަތީގައި،" ސަންގެ ހަބަރަކަށް ކިޔުންތެރިޔަކު ފޮނުވާފައިވާ ކޮމެންޓެއްގައި ވެއެވެ. އަދި އެހެން ކޮމެންޓެއްގައި ވެއެވެ: "މިދިއަ ރޯދަމަހު ފަތިހު ގެއަށް ވަޅިއެއް ހިފައިގެން ވަދެ ބިރު ދެއްކުމަށް ފަހު ފައިސާއާ ގަހަނާއާއި ކާބޯތަކެތި ހިފައިގެން ވަގަކު ދިޔަ އެވެ. ރޯދަމަހުގެ ފަތިހަކީ ވަގުންގެ ގަޑިއެވެ."

އެހެން އޮއްވާ އަނެއްކާވެސް ރޯދަމަހެއް ފެށުނީ އެވެ. މަސް ފެށުނު އިރު "ދެވަނަ ފުރުސަތެއް" ލިބިގެން ސަރުކާރުގެ މައިޖަލުން 400 ކުށްވެރިން މިނިވަންވެގެން މާލެ އަރަނީ އެވެ. ކުށަށް އަރައިގަތުން ފަށްކޮށްފައިވާ އެތައް ބަޔަކު މިނަވަންވެގެން އަންނާތީ މީހުންގެ ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.

ފުލުހުންގެ ކެޕިޓަލް ޕޮލިސްގެ ހެޑް، އަހުމަދު ރަހުމާން ވިދާޅުވި ގޮތުގައި ކޮންމެ ރޯދަމަހަކު ވެސް ވައްކަމާއި މާރާމާރީތައް އިތުރުވެގެންދާ ކަން ފާހަގަ ކުރެވެ އެވެ. އަދި މިފަހަރު އެކަމަށް ދުރާލައި ތައްޔާރު ވުމުގެ ގޮތުން މާފުށީގައި ފުލުހުންނަށް ޚާއްސަ ތަމްރީނު ތަކެއް ދީ، ކުށްކުރުން ހުއްޓުވަން މާލެ ތެރެ ޕެޓްރޯލް ކުރުމަށް ހާއްސަ ޓްރެއިނިން ފުލުހުން ތަކެއް ނެރޭނެ އެވެ. އަދި ވިދާޅުވީ ރޯދަމަހާ ދިމާކޮށް މާލެ ތެރޭ ކުށްކުރުން އިތުރުވާނެތީ އެކަންތައް ހުއްޓުވައިލުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"ރޯދަމަހު އާންމު ގޮތެއްގައި ގިނަ ވައްކަންތައް ކުރަނީ ރޯދަ ވީއްލާ ވަގުތާއި ފަތިސް ނަމާދަށް މީހުން ގެއިން ނުކުންނަށް ވަގުތު ތަކުގައި،" އަހުމަދު ވިދާޅުވި އެވެ. އެހެން ކަމުން ރޯދަމަހަށް ހާއްސަވާ ފުލުހުން މައިގަނޑު އަމާޒަކަށް ވެފައި އޮންނާނީ ގޭގެއިންނާ އޮފީސްތަކާއި ފިހާރަތަކުން ވައްކަންތައް ކުރާ ވަގުތު ތަކަށް ސަމާލުވެ މާލެ ތެރެ ޕެޓްރޯލު ކުރަމުން ދިއުމެވެ.

"ތިޔަ ބުނާ ޓްރޭނިން ފުލުހުންނެއް ނެރެގެންވެސް ތިޔަކަން ވިއްޔާ ރަނގަޅު، އެކަމަކު ހީއެއް ނުވޭ. މާޒީގެ ތަޖުރިބާއަކީ ރޯދަ މަހުން މީހުން ހޭލާއިރު ގެއިން ވައްކަން ކޮށްފައި ހުރުން. އޮފީހަށް ދާއިރު އޮފީސް ފަޅާލާފައި ހުރުން. އޮފީހުން އަންނަ މަގުމަތީގައި ބިރުދައްކާ ފޭރިގަތުން ނޫނީ މާރާމާރީ ހިންގުން،" ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް ކުށުގެ ބާވަތާއި ކުށަށް އަރައިގަންނަ ގޮތަށް ބަލާއިރު ރޯދަ މަހު މީހުން ކިޑްނެޕް ކުރުމާއި ސެކިއުރިޓީ ގާޑުން ބަނދެފައި ވައްކަން ކުރުމާއި ވަޅިން ބިރު ދައްކައި ފޭރުން، ހާއްސަކޮށް ބިދޭސީން އަތުން ފޭރުން ވަނީ އިތުރުވެފަ އެވެ. ފިހާރަތަކަށް ވަދެ އަންހެން ސޭޓުންނަށް ބިރުދައްކާފައި ވަތްގަނޑު "ފެލައިލުން" ވަނީ އިތުރުވެފަ އެވެ. އެހެން ކަމުން މި ރޯދަ މަހަކީ ކުށްތައް ތަކުރާރުވާނެ މަހެއް ކަމަށް ބަލާމާ ހިނގާށެވެ. އަދި އެކަމަށް އާންމުން ސަމާލުވެ ވަގުންނާއި ފޭރޭ މީހުންނާއި މާރާމާރީ ހިންގާ މީހުންގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ފިޔަވަޅު އަޅައިގެން ތިބުން ރަނގަޅެވެ. ހަމައެއާއެކު ފިހާރަތައް ނިންމާ ގަޑީގައި ފައިސާ އުފުލުމުގައި ސަމާލުވުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.

"ބަންދު ދުވަސް ތަކާ ދިމާކޮށް ވައްކަން ކުރުން އިތުރުވެގެން އަންނަ ކަން ފާހަގަ ކުރެވޭ." އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއާލައި އަބަދުވެސް ޗެކްކޮށް ފިހާރަތަކުގައި ވެސް ބޭރަށް އަލި ފެންނަން ހުންނަ ގޮތަށް ބެހެއްޓުމުން ފުލުހުންގެ ތަހުގީގުތަކަށް ވެސް އިތުރަށް ފަސޭހަ ވާނެ ކަމަށާއި ރޯދަ މަހު އެކަން ކަމަށް ސަމާލުވުމަށެވެ.

މާލޭގެ ފިހާރަތަކުގައި ސެކިއުރިޓީ ބަލަހައްޓަން ގާޑުން ތިބެ އެވެ. އެހެންނަމެސް އެއީ ގިނަ ފަހަރަށް ނަމެއްގަ އެވެ. ގިނަ ގާޑުން ތިބެނީ ގުގުރީގަ އެވެ. އަދި ގިނަ މީހުންނަކީ އުމުރުން ވަރަށް ދުވަސްވީ މީހުންނާއި ބިދޭސީންނެވެ. އެހެން ކަމުން މިހާރުގެ ހާލަތަށާއި ރޯދަމު ވަގުން ހޯދާ ފުރުސަތުތަކަށް ބަލާއިރު އަދި ވަކީން ހާއްސަކޮށް 400 ކުށްވެރިން ވީއްލިގެން މާދަމާއަކު މާލެ އަރާއިރު މި ރޯދަ މަހަކީ ވައްކަން ކުރުމާއި މަރާމާރީ ހިންގުމާއި ފޭރުމުގައި ސަހަލަ މަހަކަށް ވާނެ ހެނެއް ހީއެއް ނުވެއެވެ. ސަމާލުވެ، ފެންލައިޓެއް ވިޔަސް ލައްޕައިގެން ބަލަން ތިބެމާ ހިނގާށެވެ.