އިންޑޮނޭޝިއާގެ ޕަލެމްބަންގްގައި ބާއްވާ އޭވީސީ ބީޗް ވޮލީބޯލް ޓުއާގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމު ފުރައިފިއެވެ.

އިންޑޮނޭޝިއާއަށް ފުރި ގައުމީ ބީޗް ވޮލީ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިޔަކާއި އޮފިޝަލެކެވެ. އޭގެ އިތުރުން ރާއްޖޭގެ ބައިނަލްއަގުވާމީ ރެފްރީއެއް ވެސް ފުރާފައިވެއެވެ.

އެ މުބާރާތުގައި ވާދަކުރުމަށް ފުރި ކުޅުންތެރިންނަކީ އަހްމަދު އަނިލް ނަސީރާއި އަބްދުލް ހަމީދު އަދުނާނާއި ޝިއުނާޒް އަބްދުލް ވާހިދު އަދި އާދަމް ނަސީމެވެ. އޮފިޝަލެއްގެ ގޮތުގައި ފުރީ އަބްދުﷲ ނަޝީދެވެ. އަދި އެ މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ފުރީ ބައިނަލްއަގުވާމީ ރެފްރީ ހުސައިން މުހައްމަދެވެ.

އޭޝިއާގެ ވަރުގަދަ ގައުމުތަކުން ވެސް ވާދަކުރާ އެ މުބާރާތުގައި މިދިޔަ އަހަރު ވެސް ރާއްޖެއިން ވާދަކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އަނިލްއާއި ޝިއުނާޒްގެ ޕެއާގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

އޭވީސީ ބީޗް ވޮލީބޯލް ޓުއާ ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 22ގެ ނިޔަލަށެވެ.